ބޭނުންވާ ވަރަށް ވެކްސިން ހުރެމެ ޔޫރަޕުގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުން ދާ ގޮތާމެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ އެމަޖެންސީ ޑިރެކްޓަރު މައިކް ރެޔާން ވިދާޅުވެފައި ވަނީ ވެކްސިން ލިބިފައިވާ މިންވަރާ އަޅާބަލާއިރު ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެކްސިން ޖެހުމުގެ ކެމްޕޭން ކުރިއަށް ގެންދަނީ އެންމެ އެކަށީގެންވާ މިންވަރަށް އަދި އެކަށީގެންވާ ގޮތެއްގައި ވެސް ނޫން ކަމަށެވެ.
އަދި އެ ގައުމުތަކަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބިފައި ވާއިރު ކޮވިޑް ފެތުރެމުން ދާ ގޮތަކީ މުޅި ދުނިޔެއަށް ދެމުންދާ ވަރުގަދަ އިންޒާރެއްގެ ގޮތުގައި މައިކް ވަނީ ސިފަކުރައްވާފައެވެ. އަދި މިކަމުން ފިލާވަޅު ލިބިގަނެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ހަރުދަނާ ކުރުމުގެ މުހިއްމުކަން ހާމަވަމުން ދާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ޔޫރަޕުގެ ކޮވިޑް ކޭސްތައް ވަނީ 55 އިންސައްތަ އިތުރުވެފައެވެ. އެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާ މިންވަރު 6 އިންސައްތައަށް އަރާފައި ވާއިރު ފާއިތުވި ހަފުތާގައި އެކަނިވެސް މުޅި ޔޫރަޕުން 1.8 މިލިއަން ކޮވިޑްގެ ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ.
ޔޫރަޕުގައި މި ބަލި ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވަމުން ދާއިރު ހަމަ މިމުއްދަތުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 12 ޕަސެންޓް އިތުރުވެފައެވެ.
މިކަމާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ޔޫރަޕުގެ ހެޑް, ހާންސް ކްލުގް ވިދާޅުވެފައި ވަނީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިއަދު ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާ، ޔޫރަޕްގެ 53 ގައުމެއްގައި ކޮވިޑް ފެތުރެމުން އަންނަނީ ނުރައްކާތެރި އަދި ނުހަނު ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު ރިކޯޑް މިންވަރަކަށް މައްޗަށް ދާނެކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.