ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަދި އޮންދިގޯގެ ވެެރިޔާ މުހައްމަދު ޖުނައިދުގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އޮންދިގޯގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޖުނައިދަށް ތުހުމަތުކޮށް އަންހެން މުވައްޒަފަކު މީސްމީޑިއާގައި އާންމު ކުރި ޕޯސްޓެއްގައި ވަނީ އޭނާ އޮންދިގޯގެ ވަޒީފާއިން ކެނޑުނީ ޖިންސީ ފުރައްސާރަ ކުރުމުގެ ސަބަބުން ކަމަށެވެ. ޖުނައިދުގެ ފަރާތުން އެތައް ފަހަރެއްގެ މަތިން ޖިންސީ ފުރައްސާރަ ކުރިމަތިވެފައި ވާ ކަމަށް އެ ޒުވާނާ ބުންޏެވެ. އަދި ގަދަކަމުން ގައިގައި އަތްލައި ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައި ވެއެވެ.
އެ މުވައްޒަފު ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަޒީފާ އިން ވަކިވެފައެވެ. އޭނާ ބުނި ގޮތުގައި މި ވާހަކަތައް މީސް މީޑިއާގައި ހާމަ ކުރީ ޖުނައިދު ބޭޒާރުކޮށް ބަދުނާމު ކުރުމުގެ ބަދަލުގައި އިންސާފު ހޯދާށެވެ.
ބައެއް މީޑިއާތަކަށް ޖުނައިދު ވިދާޅުވީ އެއްވެސް މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށް، ޖިންސީ ގޯނާ ކުރައްވާފައި ނުވާނެ ކަމަށެވެ. އެ މުވައްޒަފު ތުހުމަތުތަކެއް އޭނާގެ ބޮލުގައި އެޅުވީ ވަޒީފާ އަށް ނުނިކުމެ އޮޅުވާލި މައްސަލައެއް ބަލަން އުޅުމުން ކަމަށް ޖުނައިދު ވިދާޅުވިއެވެ.