ސްރީލަންކާގައި މާދަމާ ފަށަން ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ދިވެހިންނަށް ވިއްކާ ޓިކެޓްގެ އަގަކީ 5،000 ރުޕީސް ކަމަށް އެ ގައުމުގެ ފުޓްބޯލް ފެޑެރޭޝަނުން ބުނެފިއެވެ.
މާދަމާ ފަށާ އެ މުބާރާތުގައި ރާއްޖެއާއި ލަންކާ ކުޅޭ މެޗު ތާވަލު ކޮށްފައި ވަނީ މާދަމާ ރެއަށެވެ.
ލަންކާގެ ފުޓްބޯލް ފެޑެރޭޝަނުން ބުނީ ދިވެހިންނަށް ޓީކެޓް ވިއްކާ އިރު ޓިކެޓް ވިއްކަން ނިންމާފައިވާ އަގަކީ 5000 ރުފީސް ކަމަށެވެ. ހަމައެއާއެކު ދިވެހިންނަށް ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުން ކަމަށް އެ ފެޑެރޭޝަނުން ބުނެއެވެ. އަދި ޓިކެޓް ހުރީ ލިމިޓެޑްކޮށް ކަމަށް އެ ފެޑެރޭޝަނުން ބުނެފައި ވީ ނަމަވެސް ވިއްކާނީ ކިހާ އަދަދެއްގެ ޓިކެޓެއް ކަން ހާމައެއް ނުކުރެއެވެ.
ޓިކެޓް ވިއްކާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު 3:00 އިން ހަވީރު 6:00 އަށް ކަމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަނުން ބުނެއެވެ. އަދި މާދަމާ ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ވަގުތަކީ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށް ކަމަށް އެ ފަރާތުން ބުނެއެވެ.
ލަންކާގެ ފުޓްބޯޅަ ފެޑްރޭޝަނުން އިތުރަށް ބުނީ، މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގެ މަތީ ބުރީގައި ވާ ގޮނޑި ބަރި ހާއްސަ ކޮށްފައި ވާނީ ދިވެހިންނަށެވެ. ދަނޑަށް ވަދެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.
ދިވެހިންނަށް 5000 ރުފީސްއަށް ޓިކެޓް ވިއްކާއިރު ލަންކާގެ ރައްޔިތުންނަށް މެޗު ބަލަން ޓިކެޓް ވިއްކަނީ 200 ރުޕީސް އަށް ކަމަށް އެ ފެޑެރޭޝަނުން ބުނެއެވެ. އެހެންކަމުން ދިވެހިންނަށް އަގު ބޮޑުކޮށް ޓިކެޓް ވިއްކާތީ، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ލަންކާ ގަޑިން 8:00 ގައެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 އެވެ.
ބޮޑު ސާފު ޗެމްޕިއަންޝިޕް މުބާރާތެއް ދިވެހިރާއްޖޭގައި ބާއްވާ، ނިމިގެން އެ ދިޔައީ. އަޅުގަނޑުމެން ވިއްކި ޓިކެޓެއް ވިއްކީ ދިވެހިންނަށާ ބޭރު މީހުންނަށް ތަފާތު އަގެއްގައި ތޯ؟ ބޭރު މީހުންނަށް ޓިކެޓް ވިއްކީ 500 ރުފިޔާ އަށް ތޯ؟ ކީކޭ ދޯ ދެން ބުނާނީ....