ސައުދީއަރަބިއާ އަށް 650 މިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން ބުނީ ސައުދީއަށް ހަތިޔާރު ވިއްކުމަށް އެގައުމުގެ ސަރުކާރުން ނިންމާފައި ވާކަމަށާ، އެކަމުގެ ހުއްދައަށް އެދި ކޮންގްރެސްއަށް ވެސް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ވެސް ޕެންޓަގަން އިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ މިކަން ކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ މުޅި ސަރަހައްދުގައި އަމަންއަމާކަން ގާއިމް ކުރުމަށާ އެ ގައުމުގެ ދިފާއީ ބާރަށް ވެސް އޭގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
މި ހަތިޔާރުތައް ވިއްކުމަށް އެމެރިކާއިން ނިންމާފައި ވާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސައުދީ ސިފައިން ބޭނުން ކުރަމުން ދާ އަސްކަރީ ހެލިކޮޕްޓަރުތައް މަރާމަތު ކުރުމަށްޓަކައި އެމެރިކާއިން ވަނީ 500 މިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސައުދީ ސަރުކާރާއެކު ސޮއި ކޮށްފައެވެ. މި ހެލިކޮޕްޓަރުތަކަކީ ޔަމަންގެ ހަނގުރާމައިގައި ސައުދީ ސިފައިން ބޭނުންކުރާ އަސްކަރީ ހެލިކޮޕުޓަރުތަކެވެ.
މިކަން ކުށްވެރިކޮށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގިނަ އަދަދެއްގެ ޖަމާއަތްތަކުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމެރިކާގެ މިފަދަ އަމަލުތަކުގެ ސަބަބުން ޔަމަންގެ ހަނގުރާމަ އިތުރަށް ދިގުދެމިގެން ދާނެ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. މީގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނެ ގެއްލުމުގެ ފުރުސަތު އިތުރުވެގެން ދާ ކަމަށާ، އެމެރިކާގެ މިފަދަ އަމަލުތަކުގެ ސަބަބުގެ ގަލްފުގެ އަމާންކަން ގެއްލުމަށް މަގުފަހި ވަމުންދާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ މި ނިންމުން ތަކަކީ ސައޫދީއަރަބިއްޔާ އިން ޔަމަނުގެ އެކި ހިސާބަށް ބޮންއެޅުމުގެ ސަބަބުން އޭގެ ރައްދުގައި ޔަމަނުގެ ޖަމާއަތްތަކުން ސައުދީއަށް ހަމަލާތައް ރައްދުކުރަމުން ދާތީ އެގައުމުން އެކަމާމެދު ދެކޭ ގޮތް ހާމަކުރުމުގެ ގޮތުންނާއި އެކަމަށް ރައްދު ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުން ތަކެއް ކަމަށެވެ.
ނަމަވެސް އެމެރިކާއިން ތަކުރާރުކޮށް ބުނަމުން ދަނީ މި ނިންމުންތަކަކީ ސައުދީއަށް ކުރިމަތިވަމުން ދާ ނުރައްކާތަކުންނާއި ކުރިއަށް އޮތްތަނުގައި އެގައުމަށް ކުރިމަތިވެދާނެ ނުރައްކާތަކުން އެ ގައުމު ސަލާމަތްކޮށް ދިފާއު ކުރުމަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.