ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައި އެކަމުގެ ރަސްމީ ލިޔުން ކައުންސިލާ ހަވާލުކޮށްފިއެވެ.
އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވަނީ ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާއި ހާއްސަކޮށް ކުޅުދުއްފުށި ސިޓީއަށް ވަރަށް ތާރީހީ ކަމަކަށް ވެގެން ދާނެ ކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެން ދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސް ކުރިވެގެން ދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެން ދާނެ ކަމުގައި ވެސް އިމްރާން ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެންނަށް މަސައްކަތް ކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބުވުމުން ފުލުހުންނަކީ މިހާރަށް ވުރެ ބޮޑަށް ކުޅުދުއްފުށި ސީޓީގައި ހުރި ކުށުގެ މައްސަލަތަކަށް މަސައްކަތް ކުރާ ބަޔަކަށް ވެގެންދާނެ ކަމުގައި ސީޕީ ފާހަގަ ކުރެއްވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ، މި ގާއިމު ކުރެވޭ ހިދުމަތުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރެވިގެން ކަމަށާއި އަދި މި މަސައްކަތް ކުރެވިގެން ދާއިރު ފުލުހުންނާއި އާންމުންވެސް ހިމެނޭހެން ތަމްރީނު ޕްރޮގްރާމްތައް ރާވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ތަމްރީނަށް ވަރަށްބޮޑު އިސްކަމެއް ދީފައިވާ ކަމުށް ފާހަގަކުރައްވާ ސީޕީ ވަނީ އެ ތަމްރީނުތަކަކީ ފުލުހުން އަލުން ތާޒާ ކުރުމާއި ގާނުނީ އިޖުރާތުތަކަށް އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށާއި މިހާރު ހުރި ކުށްތަކަށް އަދި ވުޖޫދުވަމުން އަންނަ ކުށްތަކަށް ފިޔަވަޅު އެޅޭނެ ގާބިލުކަން އިތުރުކުރުމަށް ވަރަށްބޮޑަށް ސަމާލުކަން ދެވިގެންދާ ތަމްރީނުތަކެއް ކަމަށް ސީޕީ ވިދާޅުވިއެވެ.