ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. ތުރާކުނުގައި ގާއިމު ކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފިއެވެ.
ތުރާކުނު ޕޮލިސް ޑެސްކު ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއެވެ.
އިމްރާން ވިދާޅުވީ މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި މިހާރު ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސާއަކީ އަވަށްޓެރި ފުލުހުންގެ ހިދުމަތް ކަމަށެވެ. އަދި އެ ހިދުމަތް ގާއިމު ކުރެވިގެން ދަނީ ކޮންމެހެން ކުށް އުފެދިގެން ނުވަތަ އުފަންވެފައި އޮތުމަކުން ނޫންކަމަށާއި ކުުށާ ހަމައަށް ދިއުމުގެ ކުރިން ކުށަކަށް ވެދާނެ ކަންކަން ދެނެގަނެ މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުން ކަމަށް ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައި ވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ، ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް ފުލުހުންގެ ހިދުމަތް ބަދަކުރަމުން ގެންދިއުމަށް ކަމަށާއި ތުރާކުނުގައި ޕޮލިސް ޑެސްކެއް ހުޅުވިގެން ދާކަމީ އެ އަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން ސީޕީ ވިދާޅުވީ މިއަދުން ފެށިގެން ހޯރަފުށިން ފުލުހުން އައިސް ދެމުން ދިޔަ ހިދުމަތަށް ނިމުން އައިސް ތުރާކުނުގައި ފުލުހުންގެ ހިދުމަތް ދެވިގެން ދާނީ ރައްޔިތުންނާ ކައިރިން ކަމަށެވެ.
ޕޮލިސް ޑެސްކެއް ގާއިމްވެގެން ދިއުމާއެކު ކޮވިޑް ފަދަ ބަލިމަޑުކަމެއް މެދުވެރިވާ ހާލަތެއްގައި ރައްޔިތުންނާއި ކައުންސިލާއި ހެލްތު ސެންޓަރާ ގުޅިގެން ކުރަން ޖެހޭ މަސައްކަތުން ފެށިގެން ރަށުގައި ހިންގާ ކުށުގެ އަމަލުތަަކަށް ފާރަވެރިވި އެ ކުށްތައް ހުއްޓުވުމަށް އަތޮޅުގައި ގާއިމު ވެފައިވާ ފުލުހުންގެ ޓީމުތަކާއެކު މަސައްކަތް ކުރުމާއި ރައްޔިތުންނާ ދެމެދު ގާއިމު ކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލް ކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރެވިގެން ދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.