މަސައްކަތުގެ ރަސްމީ ގަޑިން ބޭރުން ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރެވޭ ގޮތަށް އިސްލާހު ގެނައީ 2015 ވަނަ އަހަރު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ބުނުމުން އެހެންމީހުންގެ "ބޮލަށް ކެނޑުމަކީ" އެންމެ ނާގާބިލު އެއް ސިފަކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ނޫސްވެރިންގެ މައުލޫމާތަށް ކަމަށް ބުނެ އާންމު ކުރި މައުލޫމާތުގައި ބުނެފައި ވަނީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ ސިވިލްސާވިސް ގަވާއިދަށް ނޮވެމްބަރު 4، 2021 ގައި ގެނައި 8 ވަނަ އިސްލާހާ ގުޅިގެން ނޫން ކަަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެހެން މީހުންގެ "ބޮލަށް ކެނޑުމަކީ" އެންމެ ނާގާބިލު ކަމުގެ ސިފަ ކަމަށާއި ސީއެސްސީން އެ ސިފަ ފެނުމުން ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ނުކޮށްދެވޭނެ ކަމަށެވެ. އާދަމް ޝަރީފް ވަނީ މި ސަރުކާރުން ދެން އެ ކަން އިސްލާހު ނުކޮށް ގަވާއިދު އާންމު ކުރީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މުވައްޒަފުންގެ ހައްގުތައް ގެއްލުމުގައި ސީއެސްސީގެ އިހުމާލު ބޮޑު ކަމަށެވެ.

ސިވިލްސާވިސް ގާނޫނަށް 2015 ވަނަ އަހަރު ގެނައި ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި އެކަން ބަޔާން ކޮށްފަައިވާ ކަމަށާއި އެ ބަދަލު ސިވިލް ސާވިސް ގަވާއިދަށް 2015 ވަނަ އަހަރު ގެނެސް އެކަން އާއްމު ކޮށްފައިވާ ކަމަށްވެސް ސީއެސްއީން ވަނީ ބުނެފައެވެ.

އިއްޔެ އާއްމުކުރި އެ އިސްލާހަށް މީގެ ދެ މަސް ފަހުން އަމަލު ކުރަން ފަށާއިރު، އޭގައި ތިން ދަރަޖައެއްގެ ކުށްތައް ބަޔާންކޮށްފައި ވެއެވެ.