އއ. މަތިވެރީގައި ހުންނަ ކާސާ މިއާ ގެސްޓްހައުސަށް މީހަކު ގެންގޮސް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މި މައްސަލަ ބަލަން ފަށާފައިވަނީ މިއަދުގެ މެންދުރުފަހު 3:00 ހާއިރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަތިވެރިއަށް ވަޑައިގެން، އެ ރަށުގެ މީހަކަށް އަނިޔާ ކޮށްފައިވާ ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފައި ވަނިކޮށެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މިފަދަ މައްސަލައެއް ހަވީރު 4:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، މި މައްސަލަ ބަލަމުންދާ ކަމަށެވެ.

މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ރަށުގެ މީހަކަށް ޖާބިރު ވަނީ ގުޅައި، އޭނާގެ ކާސާ މިއާ ގެސްޓްހައުސަށް ގެންގޮސް އެމީހާގެ ގައިގައި ތަޅާ އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް ދިޔައީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ކަމަށާއި، އޭނާގެ ނޭފަތް ފަޅައިގެން ގޮސްފައި ވާއިރު، އޭނާގެ މެޑިކަލް ރިޕޯޓުވެސް ފުލުހުންނަށް ހުށަހަޅާފައި ވާނެ ކަމަށް އަސްލަމް މީގެ ކުރިން ވިދާޅުވިއެވެ.

ނަމަވެސް، މި ވާހަކަތައް ދޮގު ކުރައްވާ، ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ އޭނާ އެވަގުތު ހުންނެވީ ފެރިދޫގައި ކަމަށާއި، އެފަދަ ކަމެއް ކުރިނަމަ އޭނާގެ ސެކިއުރިޓީއަށްވެސް އެނގޭނެ ކަމަށެވެ. އަދި އަސްލަމް އެފަދަ ވާހަކައެއް ވިދާޅުވީ އޭނާއާ ޒާތީވެގެން ކަމަށާއި، އަސްލަމް އޭނާގެ ވިޔަފާރި ހަލާކުކޮށްލަން އުޅުއްވާ ކަމުގެ ތުހުމަތު ކުރެއްވިއެވެ.

މީގެ ކުރިން ޖާބިރު އަސްލަމަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔުއްވާ އޯޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ

ޖާބިރުގެ ގެސްޓްހައުސް ކުންފުނިން ހިންގާ ކާސާ މިއާ ގެސްޓްހައުސް ހިންގަން މަތިވެރިން އޭނާއަށް ބިމެއް ދޫކުރީ 2019 ގައެވެ. ޖާބިރަށް އެތަން ކުއްޔަށް ދިންތާ ދެ އަހަރު ވީއިރު، އެތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 4.7 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް، އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން، މަތިވެރީގެ ގިނަ ބަޔަކު ވަނީ މިދިޔަ ސެޕްޓެމްބަރުގައި ޖާބިރު އެ ރަށަަށް ވަޑައިގަތުމުން، އޭނާ އާ ދެކޮޅަށް މުޒަހާރާކޮށް، ޝުއޫރު ފާޅުކޮށްފައެވެ.

ހަމަ އެއާއެކު، މަތިވެރި ކައުންސިލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ ގެސްޓްހައުސް ހިންގަން ޖާބިރަށް އެ ބިން ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ ގަވާއިދާ ހިލާފަށް ކަމަށާއި ކުއްޔަށް ދިން އިރު ކައުންސިލަށް އެކަން އަންގާފައި ނުވާ ކަމަށެވެ. އަދި ޖާބިރު ދޭން ޖެހޭ ފައިސާ ނުލިބޭތީ ޓޫރިޒަމް މިނިސްޓްރީއަށާއި ރިޗް ކުންފުންޏަށް ވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވާފައި ވާނެ ކަމަށްވެސް ބުންޏެވެ.

މި ހުރިހާ ކަމެއް ހިނގި ނަމަވެސް، މިގެ ތިން އަހަރު ކުރިން ރޯކޮށްލި ޖާބިރުގެ ކާސާ މިއާ ގެސްޓްހައުސް ހުޅުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.