ސްކޮޓްލޭންޑުގެ ގްލަސްގޯގައި ކުރިޔަށް ދިޔަ 2021ގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް، ރާއްޖެ ވަޑައިގަންނަވާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ރައީސްގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން، ޒިންމާއަދާކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ވަކާލާތުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޕް26ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި، އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކުރީގެ ހައިކޮމިޝަނާ، ޕްރިންސް ޒެއިދު ރައަދު އަލް ހުސައިން ހަމަޖައްސަވާފައެވެ.

ކޮޕް26ގެ ވޯލްޑް ލީޑާސް ސަމިޓްގައި ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތު ބަޔާންކުރައްވައި ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންކަމެއް ކޮށްދީގެންތޯ ސުވާލުކުރައްވާފައެވެ.

މި ސަމިޓުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި އިއްޒަތްތެރިންނާ ހިއްސާކުރައްވާފައެވެ. އަދި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން ރާއްޖޭގެ ރަށަކަށްފަހު ރަށެއް ފެނު އަޑިއަށް ދިއުމުގެ ބިރު މިހާރު ހީވާން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުންހެން އާދަޔާ ހިލާފަށް ރަށްގިރުމުގެ މައްސަލަ ފާހަގަ ކުރެވޭކަމަށާ މިއީ ދިވެހިންނާ މިއަދު ކުރިމަތިލާންޖެހިފައިވާ އެއް ހަގީގަތްކަމުގައިވާ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ލީޑަރުންނާއި މަތީ ފަންތީގެ އެކިއެކި މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)- ކޮމަންވެލްތު ހައި-ލެވެލް ޕެނަލް ޑިސްކަޝަން އާއި އިންޓާނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)ގެ އެނާޖީ ޓްރާންސިޝަން އެކްސެލެރޭޓާ ފައިނޭންސިނާ ޕްލެޓްފޯމް (އީޓީއޭއެފް) އިފްތިތާހުކުރުމުގެ މަތީ ފަންތީގެ ރަސްމިއްޔާތާ އަދި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮޕް26ގެ ހަވާސާގައި ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮޕް26ގެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާފައިވާއިރު މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިޔަކު މި ސަމިޓުގައި ބައިވެރިވެވަޑައިގަންނެވި ފުރަތަމަ ފަހަރެވެ.

ކޮޕް26 ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންޑަނަށް ދަތުރުކުރައްވާ، ފަތުރުވެރިކަމާއި ދަތުރުފަތުގެ ސިނާއަތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓް ކަމުގައިވާ ވޯލްޑް ޓްރޭޑް މާކެޓް (ޑަބްލިއުޓީއެމް) 2021އަށް ޒިޔާރަތް ކުރައްވާފައެވެ.