ކ. މާފުށީގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު އަމަލުތައް ކުރާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުން ދާތީ، އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ރަށުގެ ކައުންސިލުން ދީފިއެވެ.

މާފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްްދީނާ ފުށޫއަރާ ފަދަ ދުވަސްތައް ފާހަގަ ކުރުމާއި، އިސްލާމީ ރިވެތި އުސޫލުތަކާ ހިލާފަށް އެރަށުގެ ވިޔަފާރި ބިންތަކުގައި އަމަލުކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ނަމާދު ގަޑިތަކުގަ އާއި ރޭގަނޑު 12 ގެ ފަހުން އަޑުގަދަކޮށް، ބާރަށް ލަވަ ޖެހުމާއި، ކައުންސިލްގެ ހުއްދަ ނެތި ބިންތަކާ އިންވެގެންވާ މަގުތައް ބަންދުކޮށް، އެތަންތަނުގައި ގާނޫނާ ހިލާފު އަމަލު ކުރަމުންދާ ކަމަށް، މާފުށީ ކައުންސިލުން ބުންޏެވެ.

އެހެންކަމުން، މާފުށީގެ ބިންތަކުގައި ގާނޫނާ ހިލާފަށް ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓާލުމަށް ގޮވާލައި، އެރަށުގެ ކައުންސިލުން ވަނީ ބިން ދޫކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމެއް ކުރަންވާނީ އެކަމުގެ ހުއްދައަށް އެދި ލިޔުމުން ހުށަހަޅައި ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށް ބުނެފައެވެ.

އަދި މިގޮތަށް އަމަލު ނުކުރާނަމަ، ކައުންސިލަށް ލިބޭ ބާރުގެ ދަށުން އެ ބިމެއް އަތުލައި، ބިމުގެ ވެރިފަރާތާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރާނެ ކަމުގެ އިންޒާރު ކައުންސިލުން ވަނީ ދީފައެވެ.

މިދިޔަ އަހަރު މާފުށީގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅުނު އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރިއިރު، ކްރިސްމަސް ދުވަސް ފާހަގަ ކުރުމަށް މިދިޔަ ޑިސެމްބަރު 25 ގައި އެ ރަށުގެ ގެސްޓްހައުސެއްގައި ކްރިސްމަސް ގަހެއް ބެހެއްޓި މައްސަލަ ބޮޑުވެ، ކޯޓު އަމުރެއްގެ ދަށުން އެ ގަސް ގެންގޮސްފައިވެއެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުންދާ މާފުށްޓަކީ ރާއްޖޭގައި ގެސްޓްހައުސްގެ ވިތަފާރި އެންމެ ފުރަތަމަ ފެށި ރަށެވެ. އަދި ފަތުރުވެރިންނާއި ދިވެހިންގެ މެދުގައިވެސް މަގްބޫލު ރަށެކެވެ.