އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހއ. ހޯރަފުއްޓަށް ވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުގައި ހއ. ހދ. ށ. އަދި ރ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ ތެރެއިން، ހއ. ތުރާކުުނުގައި ރަށުގެ ޕޮލިސް ޑެސްކު ހުޅުވައިދެއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި ހދ. ކުޅުދުއްފުއްޓަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތްް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވުމަށް ފަހު، ރ. އަތޮޅަށް ވަޑައިގެން ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމުގެ އިތުރުން އެ އަތޮޅު އުނގޫފާރަށް ވަޑައިގެންނެވުމަށް ވެސް ވަނީ ނިންމަވާފައެވެ.

މި ދަތުރުގައި މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދުގެ އިތުރުގެ ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަންނަވައެވެ.