ލައިގެން ހުރި ބޮކްސާގެ ތެރޭ މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު މައްސަލާގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމްގައި ބުނީ، އެ މީހާ ފާސްކުރި އިޖުރާއާތު ގޯސް ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން، މަސްތުވާތަކެއްޗާ އެކު ފުލުހުން އެ މީހާ އަތުލައިގަންފައި ވަނީ، އައްޑުއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންނެވެ. ފުލުހުން ބައި ކިލޯއެއްހާ މަސްތުވާތަކެތި ހޯދާފައި ވަނީ އެ މީހާގެ ބޮކްސާގެ ތެރެއިންނެވެ.

އެ ހުކުމްގައިވާ ގޮތުން، ބޮކްސާގެ ތެރެއިން މަސްތުވާތަކެތި ފެނުނަސް، އޭނާ ބަލައި ފާސްކުރި އިޖުރާއަތު ގޯސްކަމަށް ވަނީ ބުނެފައެވެ. އެގޮތުން ބަރަހަނާ ކޮށްގެން އެމީހާ ފާސް ކުރިއިރު، ފުލުހުންގެ ގަވާއިދުގައިވާ ގޮތުން އެގޮތަށް މީހުން ފާސްކުރެވޭނީ ޑިއުޓީ އިންޗާޖުގެ ހުއްދަ ލިބިގެން ކަމަށާއި، ނަމަވެސް އެފަދަ ހުއްދައެއް ހޯދިކަން އެނގެން ނެތް ކަމަށް ވަނީ ބުނެފައެވެ.

އެމީހާ ފާސްކުރީ އެއާޕޯޓުގައި ހުރި އިންޓަވިއު ރޫމެއްގައި ކަމަށް ވާއިރު، އެފަދަ ތަންތަނަކީ މީހުން ބަރަހަނާ ކޮށް، ފާސް ކުރެވޭނެ ތަނެއް ނޫން ކަމަށާއި، އެތައް ބަޔަކު ވަދެ ނުކުމެ އުޅޭ ތަނެއްގައި މީހަކު ބަރަހަނާކޮށް ފާސްކުރުމަކީ ގާނޫނުގައިވާ ގޮތުން ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަކަށް ވާތީ، ކިތަންމެ ވަރުގަދަ ހެއްކެއް ލިބުނު ނަމަވެސް، ގާނޫނާ ހިލާފަށް ހޯދާ ހެކިތައް ބަލައިނުގަންނާނެ ކަމަށެވެ.

އަދި އެމީހާގެ ބޮކްސާގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީވެސް ދިމާނުވާ ކަމަށާއި، އެހެންވެ ފުލުހުން ހޯދި ހެކިތަކުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭތީވެ، ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރީ ކަމަށް، އެ ހުކުމްގައި ވެއެވެ.