އިންޑިއާގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް ނުރައްކާ އޮތް ކަމަށް ބުނެ ބަޔަކު އެ ވާހަކަ ދައްކާތާ އެތަށް ދުވަހެއް ވީއިރުވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކަލެއް އޮތް މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ ދީދީ މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެޓީވީގެ "ފަށާއިރު ޕްރޮގްރާމް" ގައި ވާހަކަ ދައްކަވަމުންނެވެ. މާރިޔާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީވެސް އަދި އެ ނޫން ބަޔަކީވެސް ހަތިޔާރާއެކު މި ގައުމަށް ފައިބާ ތިބި ބައެއް ނޫން ކަމަަށާއި އެއީ ޕްރޮފެޝަނަލް މަސައްކަތްތަކުގައި ތިބި ބައެއް ކަަމަށެވެ. އަދި އިންޑިއާ ސިފައިން ދުއްވާ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓަކީވެސް ދިވެހި ދައުލަތުގެ ހުއްދައެއް ނެތި އެންމެ ދަތުރެއްވެސް ކުރާނެ އުޅަނދުތަކެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންޑިއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފުޅާކޮށް ބޮޑުކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭގޮތުން މާރިޔާ ވިދާޅުވީ އެ ހަރަކާތް ކުރިއަށް ގެންދާތާ ތިން އަހަރުވީއިރު ރާއްޖޭގެ މިނިވަން ކަމަަށް އެރި ގުނޑުމެއް ފެނިވަޑައިނުގަންވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގައި ހެލްކޮޕްޓަރު އޮތުމުން އަދި ޑޯނިއާ އޮޕަރޭޝަން ފުޅާވުމުން ބިރު ގަންނަ ބަޔަކު އުޅޭ ކަމަށެވެ. އެފަދަ އެއް ބަޔަކީ ރާއްޖެއަށް ޑްރަގް އެތެރެކޮށް އޭހެ ވިޔަފާރި ކުރާ މީހުން ކަމަށް ވިދާޅުވިއެވެ. މިފަހަކަށް އައިސް ޑްރަގް އަތުލައިގަނެވޭ މިންވަރު އިތުރުވެފައިވަނީ ޑޯނިއާ އޮޕަރޭޝަން ބޮޑުކުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޑްރަގް ހޯދާފައިވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހު ކަމަށެވެ.