އިގުތިސޯދީ ގޮތުން ބޮޑު އިނދަޖެހުމެއް ތަހައްމަލު ކުރަމުން އަންނަ އަވަށްޓެރި ސްރީލަންކާގެ ބަޒާރުގައި، ހަކުރު ވިއްކޭނެ އެންމެ މަތީ އަގު ކޮންޓްރޯލް ކުރުމަށް އަޅާފައި ވާ ފިޔަވަޅު އުވާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމަފައި ވާ ކަން އިއުލާން ކޮށްފިއެވެ.

ހަކުރު ވިއްކޭނެ އަގުތައް ކޮންޓްރޯލް ކޮށްފައި އޮތް އޮތުމަށް ނިމުން ގެނައުމަށް ނިންމާފައި ވަނީ، ލަންކާގެ މާލީ ވަޒީރު، ބާސިލު ރާޖަޕަކްސައާއި، އެ ގައުމަށް ހަކުރު އެތެރެ ކުރާ ފަރާތްތަކާ ދެމެދު، ނޮވެމްބަރު 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުގައެވެ. މި ނިންމުމަކީ، ލަންކާގެ ބާޒާރުގައި ހަކުރު ލިބުމުގައި ކުރިމަތިވެފައި ވާ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ހަބަރު ލިބެއެވެ.

ބާސިލް ރާޖަޕަކްސަ ވަނީ، ލަންކާގެ ބާޒާރަށް ބޭނުން ވާ މިންވަރަށް، މަދު ނުވާނެހެން ހަކުރު ސަޕްލައި ކޮށްދިނުމަށް، އިމްޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ސްރީލަންކާގެ ކޮންޒިއުމާ އެފެއާޒް އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ، ހަކުރު ވިއްކޭނެ އަގު ކޮންޓްރޯލް ކޮށްފައި އޮތް އޮތުމަށް ނިމުން ގެނައި ކަން ބަޔާންކޮށް، މިއަދުގެ ވަގުތެއްގައި ސަރުކާރުން އެ ކަން ގެޒެޓް ކުރާނެ ކަމަށެވެ.

ސްރީލަންކާގެ ބާޒާރުގައި ހަކުރު ވިއްކޭނެ އަގު ކޮންޓްރޯލް ސަރުކާރުން ގެޒެޓް ކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ހޯލްސޭލް ބާޒާރުގައި ހަކުރު ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 116 ރުޕީޒް ކަމުގައި ކަނޑައަޅާފައި ވާ އިރު، ރީޓެއިލް ބާޒާރުގައި ހަކުރު ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގެއް ކަމަށް އޭރު ހަމަޖައްސާފައި އޮތީ 122 ރުޕީޒްއެވެ.