ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26)ގެ ހަވާސާގައި ބޭއްވި "ރީޑިސްކަވަރިން ނައިޓްރޯޖަން: ސޮލިއުޝަންސް އެންޑް ސިނާޖީސް ފޯ ކްލައިމެޓް ޗޭންޖް، ހެލްތް، ބަޔޯޑައިވާސިޓީ އެންޑް ސާކިއުލާ އިކޮނޮމީ" އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.
މި އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ، މި އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސް މަންދޫބުންނާއި ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އިރު، އޭގެ ތެރޭގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލަންޑް ހިމެނިވަޑައިގެންނެވި ކަމަށެވެ.
މި އިވެންޓުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވާހަކަ ދައްކަވަމުން ވަނީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވަކާލާތުކޮށް، އަމަލީ ގޮތުން މަސައްކަތް ކުރާ ގައުމެއްކަމާއި އަދި ރާއްޖެއަކީ ނަތީޖާއާ ހަމައަށް ވާސީލުވާ ގައުމެއްކަން ފާހަގަކުރައްވާ ރާއްޖެއަށް ތައުރީފު ކުރައްވާފައެވެ.
ސްރީލަންކާ ސަރުކާރާއި އިންޓާނޭޝަނަލް ނައިޓްރޯޖަން މެނޭޖްމަންޓް ސިސްޓަމް (އައިއެންއެމްއެސް) ގުޅިގެން "ރީޑިސްކަވަރިން ނައިޓްރޯޖަން" ގެ ނަމުގައި ކޮޕް26ގެ ހަވާސާގައި ބޭއްވި މި އިވެންޓަކީ "ނައިޓްރޯޖަން ފޯ ނެޓްޒީރޯ" ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އިވެންޓެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މި ތީމުން ސައިންޓިފިކް ގޮތުން ސްކޮޓްލެންޑުގައި ނައިޓްރޯޖަން ހޯދިތާ 250 އަހަރު ފުރޭ މުނާސަބާ ރަމްޒުކޮށްދިނުމުގެ އިތުރުން މިއީ މޫސުމާއި ތިމާވެށީގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ނައިޓްރޯޖަން އަލުން ހޯދުމަށް ނުވަތަ "ރީޑިސްކަވާ ނައިޓްރޮޖަން" އަށް މަސައްކަތްކުރުމަށް މުހިންމު ދަނޑިވަޅެއްކަން ވެސް ރަމްޒުކޮށްދޭ ކަމަށެވެ.
ނައިޓްރޯޖަން ފޯ ނެޓްޒީރޯ ހަރަކާތަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި އެޑަޕްޓޭޝަނަށް މަސައްކަތްކުރުމުގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ނައިޓްރޯޖަން މެނޭޖްކުރުމުގެ ބޭނުންތެރިކަން އަންގައިދިނުމަށް ކުރިޔަށްގެންދާ އަދި ބައިނަލްއަގްވާމީ މުޖްތަމައުގެ ބައިވެރިވުން އިތުރުވަމުން އަންނަ ހަރަކާތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މި ހަރަކާތުގެ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގައި ނައިޓްރޯޖަން އަދާކުރާ ދައުރާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކޮޕް-26ގެ ބައްދަލުވުމުގައި ނައިޓްރޯޖަން މެނޭޖްކުރުމަށް ހުރިހާ ގައުމަކުން އެއްބަސްވެވޭ އަމާޒަކަށް މަސައްކަތްކުރުމަށް މަގުފަހިކުރުން ވެސް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.