ގަލޮޅު މަދަރުސާގައި ކިޔަވަމުން ދާ ހަތަރު އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ނިންމައިފިއެވެ.

މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ އެ މައްސަލައާ ގުޅުން ހުރި ފަރާތްތައް އެ ކޮމިޓީއަށް ހާޒިރުކުރުމަށް ޓަކައި އެކަން ކޮމިޓީގެ މެމްބަރުންނަށް ހުށަހަޅުއްވާފައެވެ.

އެގޮތުން ޖީހާން ހުށަހެޅުއްވީ ފުލުހުންގެ ތެރެއިންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށެވެ. އެއާއެކު އެ ކޮމިޓީގެ މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއިދުކޮށްފައެވެ. އަދި ބުދަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކުރުމަށް ނިންމައިފައެވެ.

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ، ސުކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައި ވެސް ވަނީ މިއަދެވެ. މައްސަލަ ހުށަހެޅިީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމެވެ.

ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް، އެ ސްކޫލުގެ މަސައްކަތު އަންހެނަކު ޖިންސީ ގޯނާކުރި މައްސަލައިގައި ސްކޫލު ތެރޭގައި ކެމެރާ ހަރުކޮށް، ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑުކޮށްފައިވަނީ އިއްޔެއެވެ.