ހއ. އިހަވަންދޫގެ އައިސް ޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ޝަރީއަތަށް ތުހުމަތު ކުރެވޭ ސުމޮން މިއާއަށް އަނިޔާ ކުރި ކަމަށް ބުނި ނަމަވެސް ޝަރީއަތުގައި ފުލުހުންގެ އޮފިސަރުން އެކަން ދޮގުކޮށްފިއެވެ.
އައިސް ޕްލާންޓްގައި މަސައްކަތް ކުރި ޅ. ހިންނަވަރު މީހެއް ކަމަށްވާ އިއްސެއަށް ޖޫން 16، 2017 ގައި، ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ، އެތަނުގައި މަސައްކަތްކުރި ސުމޮން ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވެެފައެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން އޭނާއަށް އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް ބުނެފައެވެ.
ސުމޮން މިއާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ވާ ދެ ފުލުހަކު ހާޒިރުކޮށްފައި ވެއެވެ. އެއީ މި މައްސަލައިގެ ތަހުގީގުގައި އިސްކޮށް އުޅުނު އޮފިސަރުން ކަމުގައިވާ މޫސާ ސައީދުއާއި އަލީ މުހައްމަދެވެ.
މީގެ ތެރެއިން އަލީ މުހައްމަދު ވެސް ސުމޮންއަށް އަނިޔާކޮށް އޭނާގެ މޫނު މަތީގައި ޖަހާފައިވާ ކަމަށް މިއަދުގެ ޝަރީއަތުގައި ތުހުމަތު ކޮށްފައި ވެއެވެ. އެހެންނަމަވެސް އަލީ މުހައްމަދު ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ.
މީގެ އިތުރުން، ސުމޮންއަށް ބިރު ދެއްކި ކަމަށް އޭނާ ތުހުމަތު ކުރާ ފުލުސް އޮފިސަރެއް ކަމުގައިވާ މުހައްމަދު އަބޫބަކުރު ވެސް މިއަދުގެ ޝަރީއަތަށް ހާޒިރު ކޮށްފައި ވެއެވެ. އޭނަ ވެސް ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ.
އެ ތިން ފުލުހުން ވެސް ފާހަގަކޮށްފައި ވަނީ، އެ މީހުންނާ ސުމޮން ދިމާވީ އިހަވަންދޫއަށް ގެނައި ފަހުން ކަމާއި، އޭގެ މާ ކުރިން ހދ. ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށް އެ ރަށުގެ ޕޮލިސް ސްޓޭޝަންގައި އޭނާ ކުށަށް އިއުތިރާފް ވެފައިވާކަމެވެ.
ދިފާއީ ވަކީލު ވަނީ ކުޅުދުއްފުށީ ކަސްޓޯޑިއަލްގައި ސުމޮން ބަންދުގައި ހުއްޓައި، އޭނާ ތަހުގީގު ކޮޓަރިއަށް ނެރެ ޕެޕަ ސްޕްރޭ ޖަހައިގެން އަނިޔާކުރިތޯ އަބޫބަކުރު ކައިރީ އަހައިފައެވެ. އަބޫ ބަކުރު ބުނީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެއީ އެކަނި މީހަކަށް ކުރެވޭ ވަރަށްވުރެ ބޮޑެތި ކަންކަން ކަމަށެވެ.
ދައުލަތުން ބުނީ މިއަދު ހާޒިރުކުރި އެންމެންގެ ވާހަކައިން އެނގުނީ އެއްވެސް ވަރަކަށް ފުުލުހުން ސުމޮންއަށް އަނިޔާކޮށްފައި ނެތްކަމެވެ. ސުމޮން ކުރިން ވި އިއުތިރާފުން ރުޖޫއަވުމާ މެދު ނިންމާ ގޮތް ޝަރީއަތުން ހުކުމް އިއްވާއިރު އަންގާނެ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ. އަދި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް ވެސް ވިދާޅުވިއެވެ. އެ އަޑުއެހުން 15 ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ސުމޮން މީގެ ކުރިން ވަނީ އިއްސެ މަރާލުމަށް އޭނާ އައިސް ޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެން ކަމަށާއި ފުރަތަމަ ވިސްނައިގެން ހުރީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށް ކަމަށެވެ. ނަމަވެސް އިއްސެ އޭރު ނިދާފައި އޮތުމުން ވާގަނޑުން އެކަނި މަރާނުލެވިދާނެ ކަމަށް ހީވުމުން އެ ކޮޓަރި ތެރޭގައި ހުރި ކަބަޑުން ފޫޓެއް ހުންނަ ވަރުގެ ވަޅިއެއް ނެގުމަށްފަހު އިއްސެ ކައިރިއަށް ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެންމެ ފުރަތަމަ ކަރަށް ވާގަނޑު ލެއްވުމަށް މަސައްކަތް ކުރަނިކޮށް އިއްސެ ހޭލައި އޭނާއަށް ހަމަލާ ދިން ކަމަށާއި އެއަށް ފަހު ވަޅިން އިއްސެއަށް ހަމަލާދިނުމުން އޭނާ އަތުން އިއްސެ ވަޅި އަތުލި ކަމަށާއި ނަމަވެސް އިއްސެ އަތުން އަލުން ވަޅި އަތުލައި 2 ވަނަ ފަހަރަށް ވަޅި ޖެހީ ކަރަށް ކަމަށެވެ.
ސުމޮން މިއާ ބުނީ، އޭރުވެސް އިއްސެ އޮތީ އެނދު މަތީގައި ކަމަށާއި ނަމަވެސް އިއްސެ އެނދުން ވައްޓާލައި ތިންވަނަ ފަހަރަށް ކަރަށް ވަޅި ހެރި ކަމަށެވެ. އިއްސެއަށް ހަމަލާދީ މަރާލުމަށް ފަހު، ވަޅި އާއި ވާގަނޑު އޭނާ ކައިރީގައި ބޭއްވުމަށް ފަހު ދޮރުތައް ތަޅުލާ، ރަށުން ފައިބައިގެން ދިޔައީ ކަމަށް ސުމޮން ވަނީ ބުނެފައެވެ.