ހަނގުރާމަ ދިގުލާ ގޮސްފައި ވާ ސޫރިއާ ދޫކޮށް، ތުރުކީވިލާތުގައި ދިރިއުޅެމުންދާ ރެފިއުޖީންނާއި ތުރުކީވިލާތުގެ އާންމުންނާ ދެމެދު، މާލީ ކެރިފޯރުންތެރިކަމާ މެދު އުފެދިފައި ވާ ދެބަސްވުންތައް ހޫނުވެ، ސޫރިއާގެ ބައެއް ރެފިއުޖީން ޑީޕޯޓް ކުރަން ތުރުކީވިލާތުން އަމާޒު ހިފައިފިއެވެ.

ޑީޕޯޓް ކުރާ ރެފިއުޖީންނަކީ އަމިއްލައަށް ދޮންކެޔޮ ކަމުން އެ މަންޒަރު ވީޑީއޯކޮށް، ޕޯސްޓް ކޮށްފައި ވާ މީހުންނެވެ. ވީޑިއޯގައި ކާތީ ފެންނަނީ ދޮންކެޔޮ ކަމުގައި ވީ ނަމަވެސް، އެ އަމަލަކީ ނަފުރަތު އުފެއްދުމުގެ އަމަލެއްގެ ގޮތުގައި ތުރުކީވިލާތުން ސިފަ ކުރެއެވެ.

ސޫރިއާއަށް ނިސްބަތްވާ 8 މީހަކާ ކުޑަކުއްޖެއް، އިޒްމީރުގައި ހައްޔަރު ކޮށްފައި ވާއިރު، އިތުރު 7 މީހަކު ޑީޕޯޓް ކުރުމުގެ ކަންކަން ހަމަޖައްސާނެ ކަމަށް، ހިޖުރަ ކުރުމާ ބެހޭ ތުރުކީވިލާތުގެ އިދާރާއިން ބުނެއެވެ.

ސޫރިއާ ރެފިއުޖީން ދޮންކެޔޮ ކާ މަންޒަރު ފެންނަ ވީޑިއޯތައް، ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ. އެއީ ތުރުކީވިލާތުގެ މަގެއްގެ މަތީގައި، ސޫރިއާގެ އަންހެނަކީ ތުރުކީ ބަޔަކާ ދެމެދު ހިނގި ޒުވާބެއް، ތުރުކީވިލާތުގެ އޮންލައިން ނޫހަކުން އާންމު ކުރުމުންނެވެ. އެ ވީޑިއޯއިން އިވޭ ބައެއް އަޑުތަކަށް ބަލާއިރު، ތުރުކީވިލާތުގެ މީހާއަށް އެންމެ ދޮންކޭލެއް ގަނެވޭނެ ތަނަވަސްކަން ނެތް އިރު، ސޫރިއާގެ މީހާ، ކިލޯ-ކިލޯއިން ދޮންކެޔޮ ގަންނަ ކަމަށް ބުނެއެވެ. އަދި ސޫރިއާއަށްޓަކާ ހަނގުރާމަ ކުރަން ނުގޮސް، ދީނީ އެކި މުނާސަބާތަކާ ދިމާކޮށް، ގައުމަށް ދާ ކަމަށް ތުހުމަތު ކުރާ އަޑުވެސް އިވެއެވެ.

މި ވީޑިއޯއާ ގުޅިގެން ސޫރިއާގެ ރެފިއުޖީން ވަނީ ދެކޮޅު ހަރަކާތް ފަށާފައެވެ. އެގޮތުން ބޯކޮށާތަނެއްގައި ތިބި ޒުވާން ފިރިހެނުންތަކެއް، ހީނހީނފަ ދޮންކެޔޮ ކާ މަންޒަރު ވީޑިއޯކޮށް، ޓިކްޓޮކަށް ދޫކޮށްލާފައިވެއެވެ. އަދި އެ ވީޑީއޯ ނަގާފައިވާ ތަނުގައި، ކުރިން ބަޔާން ކުރި އިންޓަވިއުގެ އަޑު ހިމަނާފައިވެސްވެއެވެ.

ތުރުކީވިލާތުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް މައިގްރޭޝާން މެނޭޖްމަންޓުން އާންމު ކުރި ބަޔާނެއްގައި ބުނީ، މިފަދަ ވީޑިއޯތައް އާންމު ކުރަމުންދާ ހުރިހާ ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް، އިދާރާއި އަދި ޝަރުއީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ރެފިއުޖީން އެންމެ ގިނައީ ތުރުކީވިލާތުގައެވެ. ސޫރިއާގެ 3.6 މިލިއަން ރެފިއުޖީން، މިހާރުވެސް ތުރުކީވިލާތުގައި ދިރިއުޅެމުން ދާ ކަމަށް ހަބަރު ލިބެއެވެ. ސޫރިއާގެ ރެފިއުޖީންނަށް ތުރުކީވިލާތުން އެންމެ ފުރަތަމަ މަރުހަބާ ކީ ކަމުގައި ވީ ނަމަވެސް، ހާލަތު ގޯސްވާން ފެށުމާއެކު، ތުރުކީވިލާތުގެ އާންމުން ވަނީ އެކަމާ ދެކޮޅުވެރި ވާން ފަށާފައެވެ.

ވަޒީފާ ނުލިބުމާއި ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން ދާއިރު ޒަރޫރީ ތަކެތި ހޯދުމަށް ތުރުކީވިލާތުގެ މީހުންނަށް ބޮޑު ތަކުލީފުތަކެއް ތަހައްމަލު ކުރަން ޖެހުނު ނަމަވެސް، ސޫރިއާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މާ ރަނގަޅު ކަމުގެ ޝަކުވާ، ތުރުކީވިލާތުގެ އާންމުންގެ ބަޔަކު ކުރެއެވެ.