ބަންދުގައި ބަހައްޓަން ޖެހޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ، މި މަހުގެ 13 ވަނަ ދުވަހު 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ރޭ ދޫކޮށްލައިފިއެވެ.

ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ގުޅިގެން ހިންގި އޮޕަރޭޝަންގެ ދަށުން، އެ މައްސަލާގައި ދިހަ މީހަކު ހައްޔަރުކުރި ނަމަވެސް، އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ވަނީ ކޯޓުން ދޫކޮށްލާފައެވެ.

ބާކީ ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު، ފުލުހުން ވަނީ އެމީހުންގެ ވަނަވަރު ހާމަކޮށްފައެވެ.

އެ މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހުންގެ އިތުރުން، އިތުރު މީހެއްވެސް މިދިޔަ އަންގާރަ ދުވަހު ވަނީ ދޫކޮށްލާފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް، 26، ދޫކޮށްލާފައިވާއިރު، އެންމެ ފަހުން ދޫކޮށްލީ ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު، 25 އާއި ހދ. ކުމުންދޫ، ޑިއާފްރެންޑު، އިބްރާހީމް ސިނާން، 24 އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މީހުން ދޫކޮށްލީ ބަންދުގައި ބަހައްޓަން ޖެހޭ މިންވަރަށް ހެކި ނެތުމުން ކަމަށެވެ.

މި މައްސަލައިގެ ފަހުން، ރ. މަޑުއްވަރީގެ ކައިރީގައި އޮތް ފަޅު ރަށެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން، މަޑުއްވަރީގެ ދެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.