އުމުރުން 4 އަހަރުގެ ކުއްޖަކާ ޖިންސީ އަމަލެއް ހިންގި މީހަކު 20 އަހަރަށް ޖަލަށް ލާން ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ހުކުމްކޮށްފައިވަނީ ދަފްތަރު ނަންބަރު 1816، ހަސަން ރަޝީދުގެ މައްޗަށެވެ.

ހަސަން ރަޝީދަށް ކުރީ އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެމައްސަލާގައި ކޮށްފައިވާ ހުކުމުގައި ބުނީ، ދައުލަތުން ހަސަން ރަޝީދުގެ މައްޗަށް އުފުލި އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން އިސްތިއުނާފުކޮށް ނިންމާފައިވާ ނިންމުން ބާއިލުކޮށް، އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާ ހަވާލާދީ ހަސަން ރަޝީދު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކަނޑައަޅުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ހަސަން ރަޝީދު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު (4 އަހަރާއި 2 މަހާއި 4 ދުވަސް) އުނިކޮށް މި ހުކުމާ ގުޅިގެން ތަންފީޒު ކުރަން ޖެހޭ މުއްދަތަކީ 15 އަހަރާއި 9 މަހާއި 26 ދުވަސް ކަމަށް ވެސް ހުކުމުގައި ވަނީ ބަޔާން ކޮށްފައެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެެއްޓެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.