ހުޅުމާލެ ފޭސް 1 ގައި ޑްރައިވިން ލައިސަންސް ނަގަން ޓެސްޓު ހަދަން 20،163.58 އަކަފޫޓުގެ ބިމެއް ހަމައްޖައްސައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ލައިސަން ހަދަން ޓެސްޓް ނަގަން ހަމަޖެއްސި ސަރަހައްދަކީ ހުޅުމާލޭ ފޭސް 1 ލޮޓް ނަމްބަރު 10909 ކަމަށެވެ. ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ ޕޯޓާ ޖެހިގެން އޮންނަ ބިމެވެ.

މިއަދު ވަނީ ޑްރައިވިން ލައިސަންސް ނެގުމަށް ބޭނުން ކުރާނެ ސަރަހައްދެއް ގާއިމު ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބިމެއް ކަނޑައެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަަމަށް އެޗްޑީސީން ބުނެއެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓަރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މިހާރު ލައިސަންސް ނެގުމަށް ބޭނުން ކުރަމުން ދާ ސަރަހައްދުތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށާއި ހުޅުމާލޭގައި ގާއިމު ކުރެވިގެންދާ މި ސަރަހައްދުން މި ހުރިހާ ކަމަކަށް ވެސް ހައްލުތަކެއް ލިބިގެން ދާނެ ކަމަށެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓުތައް ހެދުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު މާލެ ސަރަހައްދުގައި ލައިސަންސް ޓެސްޓު ހެދުމަށް ހަމަޖައްސާފައިވާ ސަރަހައްދު އޮންނަނީ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު ގައެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ހެވީ ވެހިކަލްތަކާއި ބައުޒަރުތައް ވެސް ޕާކްކޮށްފައިވާ ސަރަހައްދެކެވެ. ހަމައެއާއެކު އެ ސަރަހައްދުގައި ޕެޓްރޯލް ސެޑެއް ހުރުމާއެކު މިހާރު ގިނަ ވެހިކަލްތައް އެ ތަނަށް ވަދެ ނުކުމެ ހަދާތީ ބައެއް ފަހަރު ދަތިތަކާ ކުރިމަތި ލާންޖެހޭ ކަމަށް ޑްރައިވިން ޓެސްޓު ހަދަން ދާ ފަރާތްތަކުން ބުނެއެވެ.