ޕީޕީއެމްގެ އަހަރީ ދުވަހުވެސް ރައީސް އަބްދުﷲ ޔާމީނަށް މުހިންމީ ދިވެހި ގައުމު ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވީ ޕީޕީއެމްގެ 10 އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޕީޕީއެމްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވެސް ޕާޓީގެ ކުލައިގެ ހެދުން ބޭނުން ނުކޮށް "މިނިވަން ކަމުގެ ދިފާއުގައި" ޓީޝާޓް ބޭނުން ކުރާކަން ފާހަގަ ކުރައްވާ އަދުރޭ ވިދާޅުވީ އެއީ ރައީސް ޔާމީނަށް ޕީޕީއެމްގެ ކުލައަށްވުރެ ގައުމު މުހިންމު ކަމުގެ ހެއްކެތް ކަމަށެވެ.
ޕީޕީއެމް އުފައްދަން ޖެހުނު ސަބަބު ހަނދާނަށް ގެންނަވަމުން އަދުރޭ ރޭ ވިދާޅުވީ މަލްޓި ޕާޓީ ސިސްޓަމްގައި ފުރަތަމަ ރާއްޖޭގެ ވެރިކަމަށް އައީ އެމްޑީޕީ ކަމަށެވެ. ނަމަވެސް އެމްޑީޕީ އަށް ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ނުދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް އުފެދުމާއެކު ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތް ފެށިކަން ފާހަގަ ކުރައްވާ އަދުރޭ ވިދާޅުވީ އޭރު އޮތް އެންމެ ބޮޑު މައްސަލައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދީފައި އޮތުން ކަމަށެވެ. އެއާޕޯޓް އަތުލުމުގެ މަސައްކަތް ފެށިއިރު އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން ވެސް ތިއްބެވި ނަމަވެސް އަދުރޭ ވިދާޅުވީ އެއާޕޯޓް އަތުލުމުގެ މަސައްކަތް ފެށުމާއިއެކު ބައެއް ބޭފުޅުން ގެއްލިއްޖެ ކަމަށެވެ.
2013 ވަނަ އަހަރު ގާއިމު ވެގެން ދިޔަ ރައީސް ޔާމީންގެ ވެރިކަމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ފަހުރުވެރި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގި ވެރިކަން ކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ވެރިކަމަށް އައި ރައީސް ސޯލިހްގެ ވެރިކަމުން ހަމައެކަނި ކުރިކަމަކީ ރައީސް ޔާމީނަށް އަނިޔާ ކުރުން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވަނީ ދެ އަހަރު ދުވަހު ޖަލުގައި ހުންނަވަން ކެރިވަޑައިގެން ލީޑަރަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖޭގައި ހުންނެވީ ދިވެހި ގައުމަށް އަދިވެސް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް ބޭނުންފުޅުވާތީ ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގަންނަވަނީ ހުރިހާ ބޭފުޅުން ވެސް އެންމެ އިސް މަސްއޫލިއްޔަތަކަށް ގައުމު ސަލާމަތް ކުރުން ހައްދަވައި ދެއްވުން ކަމަށެވެ.