އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރަނީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝިދާ އެކު އިދިކޮޅުން މަޝްވަރާ ނުކުރާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރިފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މިއަދު ރައްޔިތުން މަޖިލީހުގައި ރައީސް ނަޝީދާ ބައްދަލު ކުރެއްވި ކަމަށާއި އެއްވެސް މަޝަވަރާއެއް ކުރަން އެދިވަޑައިގަންނަވާނަމަ ޝަތުރުތަކެއް އެބަ ހުރި ކަމަށް ނަޝީދަށް ދަންނަވާފައި ވާނެ ކަމަށެވެ. އެގޮތުން އެއްވެސް މަޝްވަރާއެއް ކުރަން ވަޑައިގަނެވޭނީ ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން މިނިވަން ކުރެއްވުމުން ކަމަށާއި އަދި އެމަނިކުފާނާ އެކުގައި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މެއި 6 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ފަރުވާ ހޯއްދެވުމަސް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ނަޝީދު ރާއްޖެއަށް ވަޑައިގަތީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މިހާރު ރައީސް ނަޝީދު ގެންދަވަނީ ސިޔާސީ އެކި ޕާޓީޔަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވަމުންނެވެ. އެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވަފާއި ވާއިރު މިއަދު ނަޝީދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ވެސް ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން މިއަދު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓާ ކުރި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި ރައީސް ނަޝީދު މާދަމާ ބައްދަލު ކުރައްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ސިޔާސީ ޕާޓީތަކާއެކު ބައްދަލު ކުރައްވާ އިރު، ދާދި ފަހުން އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށާއި އަދި ވާދަކުރައްވާނީ ބަރުލަމާނީ މެންޑޭޠަކާއެކުގައި ކަމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭ ގޮތުން ރައީސް ސޯލިހާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ މައްސަލަތައް ހުއްޓުވައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ސަރުކާރު މަސައްކަތް ކުރަމުން އަންނަ އިރު ރަނގަޅު ނަތީޖާއެއް ލިބޭނީ ހުރިހާ ޕާތީތަކާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެ ގޮތުން ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަކީ އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.