ރާއްޖެއިން އިއްޔެ 92 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރަން 3710 ސާމްޕަލް ނެގި އިރު އޭގެ ތެރެއިން 92 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 26 މީހަކާ، އަތޮޅުތެރެއިން 60 މީހަކާ، ރިސޯޓްތަކުން 6 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 86،922 އަށް އަރާފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1524 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 18 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. އިއްޔެއާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 595 ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 240 އަށް އަރާފައެވެ.

އިއްޔެ ރަށްރަށުން 60 މީހަކު ޕޮޒިޓިވްވެފައިވާ އިރު ހޮނިހިރު ވަނީ ރަށްރަށުން 153 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ގިނައީ ތ. ގުރައިދޫން ޕޮޒިޓިވްވި މީހުންނެވެ.