މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން، ދެކުނުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާރަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން އައްޑޫ ހިތަދޫގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާޜި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިތަދޫގެ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ ރަށުގެ ވަލުތެރެ ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްް ހުރި 126 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ގދ. ގައްދޫގެ ރަސްފަންނު ސަރަހައްދުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ހުކުރު ދުވަހު އެ ސަރަހައްދު ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 217 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ދެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި، މި ދެ މައްސަލަވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.