ޒުވާނުންގެ ދުވަހާ ގުޅުވައި ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައި، އެ ރަށުގެ ޓީމް ގައުމީ ޓީމާ އެކު މެޗެއް ކުޅެފިއެވެ.
ސިޓީއެއް ގޮތުގައި ހަމަޖައްސައި ތަރައްގީ ކުރަމުން އަންނަ ކުޅުދުއްފުއްޓަށް މިއަދަކީ އުފާވެރި ދުވަހެކެވެ. ހާއްސަކޮށް މިއަދު އެ ރަށުގެ ޒުވާނުންނަށް މިއަދަކީ ހާއްސަ ދުވަހެކެވެ. ޒުވާނުންގެ ދުވަހާ ގުޅުވާފައި އެ ރަށުގެ ޒުވާނުންގެ ހުވަފެންތަކުގައި މިއަދު ވަނީ ކުލަ ޖެހިފައެވެ.
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް ބާއްވާ އިރު، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެރަށަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކުޅުދުއްފުށި ސިޓީގައި ތަރައްގީ ކޮށްފައިވާ ފުޓްބޯޅަދަނޑު ހަވީރު ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށުގެ ޒުވާނުންގެ ފުޓްބޯޅަ ޓީމުން ބުނީ، މި ފަދަ ދަނޑެއް އެ ރަށުގައި ހުޅުވައި ދެއްވުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި އެއީ އެ ރަށުގައި ޒުވާނުންނަށް ލިބިގެންދާނެ ކުރި އެރުމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އެ ދަނޑު ރަސްމީކޮށް ހުޅުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް ގައުމީ ޓީމާއެކު ކުޅެން ފުރުސަތު ލިބުމަކީ ވަރަށް އުފާ ވާ ކަމެއް ކަމަށް އެ ޓީމުން ބުނެއެވެ.
އެ ރަށުގެ ރައްޔިތުން ދެކޭ ގޮތުގައި މިއީ އެ ރަށުގެ ޒުވާނުންގެ ވަރަށް އުފާވެރި ދުވަހެކެވެ. އެރަށުގެ ޒުވާނުން ދެކެމުން އައި ހުވަފެންތަކުގައި މިއަދު ކުލަ ޖެހިގެން ދިޔަ އިރު މިއީ ވަރަށް ބޮޑު އިންތިޒާރެއްގެ ނުމުން ކަމަށް ވެސް އެ ރަށު ރައްޔިތުން ސިފަ ކުރެއެވެ.
މިއަދު ހަވީރު އެ ދަނޑު ހުޅުއްވައި ދެއްވި އިރު، އެ ރަށު ދަނޑުގެ މެދުގައި ބާއްވާފައި އޮތް ބޯޅައިގައި އެމަނިކުފާނު ފައިންޕުޅުން ޖައްސަވާލެއްވިއެވެ. އެއަށްފަހު އެ ދަނޑުގައި ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުގައި ވާދަ ކުރި ދެ ތީމަކީ އެ ރަށު ޒުވާނުންގެ ޓީމަކާއި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމެވެ. ގައުމީ ޓީމާއެކު ޔޫތް މިނިސްޓަރު ވެސް ވަނީ މެޗުގައި ކުޅުއްވާފައެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ 2019 ވަނަ އަހަރުއެވެ.