ލޯންޗަކަށް ރާޅެއްޖަހާ ހިނގި ހާދިސާގައި އޮޅިވެލި ރިސޯޓު ކައިރިން ގެއްލުނު ހަތަރު އަހަރުގެ ކުޑަކުއްޖާ އަދިވެސް ނުފެންނާތީ ސާޗް ހުއްޓާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، މިދިޔަ ހޮނިހިރު ދުވަހު "ޑްރީމް ސްޕީޑް 2" ލޯންޗަށް ރާޅެއް އަރައި ކުޑަކުއްޖަކު ގެއްލުނު ހާދިސާގައި ކޯސްޓްގާޑުން މިހާތަނަށް ކަނޑުމަގުންނާއި ވައިގެ މަގުން ވަނީ 4706 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައި ނުވާތީވެ، ސާޗް ވަނީ ސަސްޕެންޑު ކޮށްފައި ކަމަށް އެމްއެންށީއެފުން ބުނެއެވެ.

މާލެއިން 14 މީހުންނާއެކު ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ޑްރީމް ސްޕީޑް 2" ލޯންޗު އޮޅުވެލި ރިސޯޓް ކައިރިން ކ. ގުރައިދޫ އަށް ދާން އަނބުރާލީ ކަނޑު ގަދަވުމުގެ ސަބަބުންނެވެ. ނަމަވެސް އެ ވަގުތު ޖެހި ރާޅަކާއެކީ ކަނޑަށް 3 މީހުން ވެއްޓުނު އިރު އޭގެތެރެއިން އެކަކު ވަނީ ސަލާމަތް ވެފައެވެ.

ކަނޑަށް ވެއްޓުނު މީހުންގެ ތެރެއިން 33 އަހަރުގެ މަރިޔަމް ނާހިދާ، ކުއްޖާގެ މަންމަ ވަނީ އެ ހާދިސާގައި ނިޔާވެފައެވެ. އަދި އޭނާގެ 4 އަހަރުގެ ދަރިފުޅު ޖުޔަލް ޖިނާހު ވަނީ ގެއްލިފައެވެ.

އެ ލޯންޗުގައި ނާހިދާގެ ފިރިމީހާ އާ އެކު ދަތުރު ކުރި އިރު އެ ދެމަފިރިންގެ ދެކުދިން ވެސް ދަތުރު ކުރިއެވެ. ނާހިދާގެ ފިރިމީހާ ވަނީ ޖުޔަލް ހޯދުމަށް މޫދަށް ވެ ފުންމާލާފައެވެ. ނަމަވެސް އޭނާއަށް އެ ކުއްޖާ ފެނިފައި ގެއްލިގެން ދިޔައީ ކަމަށް ވަނީ ބުނެފައެވެ.

ކުއްޖާ ގެއްލުނުތާ މިއަދަށް 8 ދުވަސްވީ އިރު އެ ކުއްޖާ ފެނިފައެއް ނުވެއެވެ. އެކުއްޖާ ގެއްލުނު އިރު ލައިގެން ހުރީ ކަޅު ޓީޝާޓެކެވެ.