އދ. ދަނގެތީގެ ގެއަކުން 9000 ޑޮލަރުގެ އަގުހުރި ސާމާނު ވަގަށް ނެގި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ދަނގެތީގެ ގެއަކުން ވައްކަންކޮށްފައި ވާ މައްސަލައެއް މިިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހަޅާއިފައި ވާ ކަމަށެވެ.

އެގޮތުން ވަގަށް ނަގާފަވަނީ ފަރުމަސްވެރިކަމުގައި ބޭނުން ކުރާ ސާމާނުތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ވަގަށް ނެގި އެ ތަކެތީގެ އަގު 9000 ޑޮަރަށް އަރާނެ ކަމަށް ތަކެތީގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެމައްސަލާގައި މިހާތަނަށް މީހާކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފިހާރައެއް ފަޅާލައިގެންވެސް އެ ރަށުގައި ވައްކަން ކުރަން ބަޔަކު މަސައްކަތްކުރިއެވެ. މިހާތަނަށް އެ މައްސަލާގައި ވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ދަނގެތީގައި ވައްކަމުގެ މައްސަލަތައް ފެންމަތިވަމުން ދާއިރު އެރަށުން މިމަހު 14 ވަނަ ދުވަހު ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ އެރަށު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ފެނިފައެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނީ އެދުވަހު ހަވީރު، އެ އާއިލާއިން މަހަމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެނގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހްމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހްމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް މަހާފައެވެ.

އެމައްސަލާގައި ބަންގްލަދޭޝް މީހެއް ކަމަށްވާ ސާލިމް ވަނީ ހައްޔަރުކޮށްފައެވެ.