އެމެރިކާގެ މަޝްހޫރު ބަތޮލް އަދި ސިޔާސީ އެކްޓިވިސްޓް އެލެކް ބޯލްޑްވިންގެ އަތުން، ފިލްމުގެ ސެޓެއްގައި އަންހެނަކު މަރުވެ، އިތުރު މީހަކު ޒަހަމް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ފިލްމުގެ ސެޓްގައި ޕްރޮޕް-ގަންއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ބަޑިއެއް ޖެހިގެން ކަމަށް ހަބަރު ލިބެއެވެ.

ނިއު މެކްސިކޯ ސްޓޭޓްގެ ފުލުހުން ބުނީ، ބޯލްޑްވިން އެ ބަޑި ޖަހާފައި ވަނީ، ފިލްމް "ރަސްޓް"ގެ މަންޒަރެއް ނެގުމުގެ ތެރޭގައި ކަމަށެވެ.

ބޯލްޑްވިން ޖެހި ބަޑީގެ ހަމަލާ އަމާޒުވި އަންހެން މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ ފިލްމުގެ ޑައިރެކްޓާ އޮފް ފޮޓޯގްރަފީގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ، އުމުރުން 42 އަހަރުގެ ހެލީނާ ހަޗިންސްއެވެ. ޒަހަމްވި 2 ވަނަ މީހަކީ ފިލްމުގެ ޑައިރެކްޓަރު، ހޮއޭލް ސޫޒާ، 48، ކަމަށް ހަބަރު ލިބެއެވެ.

ފިލްމު ޝޫޓިންގްއަށް މަޝްހޫރު ބޮނޭންޒާ ކްރީކް ރޭންޗުގައި ހާދިސާ ހިނގާދިޔަ ގޮތް، ކަމާ ބެހޭ ފަރާތްތަކުން މިހާރު ތަހުގީގު ކުރަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ. ތަހުގީގު ކުރިއަށް ދާ ކަމަށާ، އަދި މި ވަގުތު އެއްވެސް މީހަކާ ދެކޮޅަށް ދައުވާއެއް އުފުލާފައި ނުވާ ކަން، ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ވެރައިޓީ މެގަޒިންއަށް ދިން ބަޔާނެއްގައި، އިންޓަނޭޝަނަލް ސިނަމަޓޯގްރަފާޒް ގިލްޑުން ވަނީ، ހަޗިންސްގެ މަރަކީ ހިތްދަތި ކުރަނިވި ހަބަރެއް ކަމަށާ، އެއީ އެ ދާއިރާއަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެއް ކަމަށް ސިފަ ކޮށްފައެވެ.

"ރަސްޓް"ގައި ބޯލްޑްވިން ފެނިގެންދަނީ ފިލްމުގެ އިސް ރޯލުންނެވެ. އެ ފިލްމުގައި، އޭނާގެ 13 އަހަރުގެ ކާފަ ދަރިފުޅަށް އަމާޒު ކުރެވެނީ، އޮޅިގެން މީހަކު މަރާލެވުމުގެ ކުށުގެ ދައުވާއެވެ.