އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެމެރިކާގެ ޒުވާން ބްލޮގާ ގެބީ ޕެޓީޓޯގެ ލޯބިވެރިޔާ، ބްރާޔަން ލޯންޑްރީ ގެއްލިގެން ހޯދަމުން ދަނިކޮށް ފްލޮރިޑާގެ ޕާކެއްގެ ތެރެއިން ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކަކީ، އޭނާގެ ހަށިގަނޑުގެ ބައިތަކެއް ކަން ކަށަވަރު ކޮށްފައި ވާ ކަމަށް، އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އިން ހާމަ ކޮށްފިއެވެ.

އެކުގައި ދަތުރަކަށް ނިކުތުމަށްފަހު އެނބުރި އެކަނި ގެއަށް އައި ލޯންޑްރީއަކީ ޕެޓީޓޯ ގެއްލުމާއި، އޭނާގެ މަރާލާފައި ވާ ހަށިގަނޑު ފެނުނު މައްސަލާގައި، މަސްލަހަތު އެކުލެވޭ ކަމަށް ބުނެ، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ހޯދަމުން ދިޔަ ހަމައެކަނި މީހާއެވެ. ލޯންޑްރީގެ ހަށިގަނޑުގެ ބައިތަކެއް ފްލޮރިޑާގެ ޕާކެއްގެ ތެރެއިން ފެނިފައި މި ވަނީ، އޭނާވެސް ގެއްލިގެން ހޯދަމުން ދާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ޕާކު ތެރެއިން ފެނުނު، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކަކީ ލޯންޑްރީގެ ހަށިގަނޑުގެ ބައިތަކެއްކަން ކަށަވަރު ކޮށްފައި ވަނީ، ދަތުގެ ރެކޯޑްތަކުގެ އެހީގައި ކަމަށް ހަބަރު ލިބެއެވެ. ޕާކުން ފެނުނީ ލޯންޑްރީގެ ހަށީގަނޑުގެ ބައިތަކެއްކަން، އޭނާގެ މައިންބަފައިންނަށްވެސް މިހާރު ވަނީ އަންގާފައެވެ.

އިހާނެތި ގޮތަކަށް މަރާލަފައި އޮއްވާ ފެނުނު ގެބީ ޕެޓީޓޯގެ ލޯބިވެރިޔާ ބްރާޔަން ލޯންޑްރީ / ފޮޓޯ: ޑަބްލިއުޑަބްލިއުއެސްބީ

ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ، ދާދި ފަހަކާ ޖެހެންދެން ފެނު އަޑީގައި އޮތް ސަރަހައްދަކުންނެވެ. މޭ ކަށިގަނޑާ ހިސާބަށް ފެން ހުރި އެ ސަރަހައްދަކީ، ނުރައްކާ ޒާތުގެ ހަރުފައާއި އެލިގޭޓާ ޒާތުގެ މިނިކާ މަހުލޫގު އާލާވެފައި ވާ ސަރަހައްދެކެވެ.

ހަށިގަނޑުގެ ބައިތަކެއްގެ އިތުރުން ލޯންޑްރީއަށް ނިސްބަތްވާ ދަބަހަކާއި ނޯޓް ފޮތެއްވެސް އެ ސަރަހައްދުން ވަނީ ފެނިފައެވެ.

އެންބީސީ ނިއުސްއާ ހަވާލަދީ ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޕާކު ތެރެއިން ފެނިފައި ވަނީ މިނިކަށިތަކެއްގެ އިތުރުން ބޮލުގެ ނާށިގަނޑެވެ.

ނޭވާ ހާސްކޮށްގެން މަރާލާފައި އޮންނަތާ 3 ވަރަކަށް ހަފުތާ ފަހުން ގެބީ ޕެޓީޓޯގެ ހަށިގަނޑުވެސް ފެނިފައި ވަނީ ޕާކެއްގެ ތެރެއިން ކަމަށް ވާ އިރު، މި 2 ލޯބިވެރިންގެ މަރަށް، ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.