މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ސިއްހީ ހިދުމަތްތެރި މުވައްޒަފުންނަށް ބޮޑު އަސަރެއް ކޮށްފައި ވާ ކަމަށާ، މި ބަލިމަޑުކަމުގައި، ސިއްހީ ހިދުމަތްތެރިންގެ 80000 އާއި 180000 ދެމެދު އަދަދެއްގެ މުވައްޒަފުން މި ދުނިޔެއާ ވަކިވެ ގޮސްފައި ވުން އެކަށީގެން ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ކޮވިޑުން ދިފާއުވުމަށް މިވަގުތު އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ ވެކްސިން ކަމުގައި ވާ ހިނދު، ވެކްސިން މަޝްރޫއުތަކުގައި ސިއްހީ ހިދުމަތްތެރިންނަށް އިސްކަން ދިނުމަށް، ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ގޮވާލައްވާފައެވެ. އަދި ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި އިންސާފު ގެއްލިފައި ވާ ކަން ފާހަގަ ކުރައްވާ، ޑރ ޓެޑްރޯޒް ވަނީ ފާޑުވިދާޅުވެފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި، ސިއްހީ ހިދުމަތްތެރިންގެ 80000 އާއި 180000 ދެމެދު އަދަދެއްގެ މުވައްޒަފުން މި ދުނިޔެއާ ވަކިވެ ގޮސްފައި ވަނީ ޖެނުއަރީ 2020 އިން މެއި 2021 ގެ ނިޔަލަށް ހޭދަވި މުއްދަތުގެ ތެރޭގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި 135 މިލިއަނެއްހާ މީހުން މަސައްކަތް ކުރަމުން ދާ ކަމަށް ލަފާ ކުރެވެއެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، 119 ގައުމަކުން އެއް ކޮށްފައި ވާ މައުލޫމާތަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވަނީ ކޮންމެ 5 މުވައްޒަފަކުން 2 މީހުން ކަމަށެވެ. އަދި މި ތަފާސް ހިސާބުތަކަކަކީ، ސަރަހައްދީ އަދި އިގުތިސޯދީ ގިންތިތަކަށް ބަލާއިރު، ބޮޑު ފަރަގެއް އޮތް ތަފާސް ހިސާބުތަކެއް ކަންވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން، އެފްރިކާ ސަރަހައްދުގައި، ކޮވިޑާ ދެކޮޅަށް ޖަހާ ވެކްސިން ފުރިހަމަ ވެފައި ވަނީ ސިއްހީ ހިދުމަތްތެރިންގެ ކޮންމެ 10 މީހަކުން 1 ގެ ކަން ފާހަގަ ކުރަން ޖެހެއެވެ. މިއާ ހިލާފަށް، މުއްސަނދި ގައުމުތަކުގައި ކޮންމެ 10 މީހަކުން 8 މީހަކު ވެކްސިން ފުރިހަމަ ކޮށްފައި ވެއެވެ.

ޑަބްލިއުއެޗްއޯގެ އިސް ލީޑަރެއް ކަމަށްވާ ޑރ ބްރޫސް އެއިލްވޯޑް ވަނީ، ފަގީރު ގައުމުތަކަށް އެކަށީގެން ވާ ގޮތުގައި ވެކްސިން ފޯރުކޮށްދެވެމުން ނުދާ ނަމަ، 2022 އަށް ވެސް ކޮވިޑްގެ ބަލިމަޑުކަން ދެމިގެންދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.