އއ. ހިމަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ އެ ރަސްމިއްޔާތުގައި، ހިމަންދޫ ބަނދަރު ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑްއިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ކަމަށެވެ.

ހިމަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 252,45 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 372 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާ، 251 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާ، 147 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާ، 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާ، 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާ، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއު އަކީ 93.49 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާ އެ މަޝްރޫއު ގެ މަސައްކަތް ނިމުނީ އޭޕްރީލް 20، 2020 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި، މިނިސްޓާ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާއީލާއި، މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް، އެންޑްކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހުލޫފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭގެ އިތުރުން މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއާ، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރާއި، ރައީސް އޮފީހުގެ ޗީފް އޮފްސްޓާފް އަލީ ޒާހިރާއި، މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއާ، ސީއީއޯ އާދަމް އާޒިމްއާ، އެމްޓީސީސީގެ އިސްވެރިން އަދި ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.