ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައި ވާ ސޫރިއާގެ ސަރުކާރުން އަދިވެސް، އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ހިންގަމުން ދާ ކަމަށާ، ގައުމުތަކުގައި ތިބި ސޫރިއާގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާ ނުލުމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން އިންޒާރު ކޮށްފިއެވެ.

އެޗްއާރްޑަބްލިއުއިން ވަނީ، ގައުމުތަކުން މި އިންޒާރަށް ކިޔަމަން ވުމަށްވެސް ގޮވާލާފައެވެ.

އެ ޖަމިއްޔާއިން އެކުލަވާލި އާ ރިޕޯޓެއްގައި އެޗްއާރްޑަބްލިއުއިން ބުނީ، ސޫރިއާއަށް އެނބުރި އައި ރެފިއުޖީންގެ މައްޗަށް، ގާނޫނީ އިމުން ބޭރުން މަރުގެ ހުކުމް ތަންފީޒު ކުރުމާ، ލައިންސާނީ އަނިޔާ ދިނުމާ، ވަގަށް ނަގާ ރަހީނު ކުރުމާ، ޖިންސީ ގޯނާގެ ޖަރީމާތައް ހިންގާފައި ވާ ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ، އެނބުރި ގައުމަށް ވަނުމުގެ ކުރިން، ސަރުކާރުގެ ހުއްދަ ހޯދާފައި ވާ މީހުން ކަމަށްވެސް އެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

މި ރޫހުގައި އެޗްއާރްޑަބްލިއުއިން ވަނީ، ސޫރިއާއަށް އަނބުރާ ދިއުން މިހާރުން މިހާރަށް މަޑުޖައްސާލުމަށް، ރެފިއުޖީންނަށް ގޮވާލާފައެވެ.

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސޫރިއާގެ 851000 ރެފިއުޖީއަކު ލުބްނާންގައި، އަދި 670000 އެއްހާ ރެފިއުޖީން، އުރުދުންގައި އެބަތިއްބެވެ. ކަން މިހެން އޮތް އިރު، މި ދަނޑިވަޅަކީ ލުބްނާނަށްވެސް ހައްސާސީ ދަނޑިވަޅެއްކަން ފާހަގަ ކުރަން ޖެހެއެވެ. އެ ގައުމުގެ ދާހިލީ ހަމަނުޖެހުންތަކާ އިގުތިސޯދީ ކާރިސާތަކާއެކު، 90 ޕަސެންޓެއްހާ މީހުން މިހާރުވެސް ދިރިއުޅެމުން ދަނީ އިންތިހާ ފަގީރު ކަމުގެ ހާލަތުގައެވެ.