އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެމެރިކާގެ ޒުވާން ބްލޮގާ ގެބީ ޕެޓީޓޯގެ ގެއްލިފައި ވާ ލޯބިވެރިޔާ ބްރާޔަން ލޯންޑްރީ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް، ފްލޮރިޑާގެ ޕާކެއްގެ ތެރެއިން، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ހެކިތަކެއް ފެނިފައި ވާ ކަމަށް، އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އިން ހާމަކޮށްފިއެވެ.

ޕެޓީޓޯގެ މަރުގައި މަސްލަހަތު އެކުލެވޭ ހަމައެކަނި މީހާގެ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ހޯދަމުން އަންނަ ލޯންޑްރީއަށް ނިސްބަތް ވާ ބައެއް ސަމާނުވެސް ފެނިފައި ވާ ކަމަށް އެފްބީއައި އޭޖެންޓުން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ލޯންޑްރީގެ ދަބަހަކާއި ނޯޓް ފޮތެއް ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕެޓީޓޯއާއެކު ފެށި ދަތުރު ވަކި ހިސާބަކުން ހުއްޓާލާ، ގިނިކަންޏާ އެނބުރި ގެއަށް ދިޔަ ލޯންޑްރީ ގެއްލިގެން ހޯދަމުންދާތާވެސް މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސްވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެފްބީއައި ސްޕެޝަލް އޭޖެންޓް މައިކަލް މެކްފާސަން ވިދާޅުވީ، ކާލްޓަން ރިޒާވް ސަރަހައްދުން، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ކަށަވަރު ކުރެވޭ ހެކިތަކެއް ފެނިފައި ވާ ކަމަށެވެ.

މި ތަކެތި ފެނިފައި ވަނީ، ދާދި ފަހަކާ ޖެހެންދެން ފެނު އަޑީގައި އޮތް ސަރަހައްދަކުންނެވެ.

އޮފިޝަލުން ވިދާޅުވީ، ފެނުނު ހަށިގަނޑުގެ ބައިތަކުގެ ތަހުގީގެއް އަދި ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދު އިތުރަށް ބަލާ ފާސް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބެއެވެ.