2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން އެންމެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާލަމީ ބަލިމަޑުކަން، 2022 އަށްވެސް ދިގުލާ ދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އިން ދިފާއުވުމަށް މިވަގުތަށް އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ވެކްސިން ކަމުގައި ވީ ނަމަވެސް، ފަގީރު ގައުމުތަކަށް އެކަށީގެންވާ ގޮތެއްގައި ވެކްސިން ލިބެމުން ނުދިއުމަކީ، ބަލިމަޑުކަން ފެތުރިފައި އޮންނަ މުއްދަތު، "ބޭނުމެއް ނެތް ގޮތެއްގައި" ދިގުލާ ދިއުމަށް މަޖުބޫރު ކުރުވާ ސަބަބެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ކޮށްފައެވެ.

އެފްރިކާ ސަރަހައްދުގެ އާބާދީން އެންމެ 5 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ލިބިފައި ވާއިރު، ދުނިޔޭގެ އެހެން ބައްރުތަކުގައި މި ނިސްބަތް އުޅެނީ 40 ޕަސެންޓްގައެވެ.

ޑަބްލިއުއެޗްއޯގެ އިސް ލީޑަރެއް ކަމަށް ވާ ޑރ ބްރޫސް އެއިލްވޯޑް ވަނީ، މުއްސަނދި ގައުމުތަކުން އަދިވެސް އިތުރަށް ވެކްސިން ހޯދުމަށް ދަފުތަރު ކޮށްފައި ވާ ޖާގަތައް، ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. މުއްސަނދި ގައުމުތަކުން ކިއުއިން ޖާގަ ދޫކުރުމަކީ، އެންމެ ފަގީރު އާމްދަނީ ލިބޭ ގައުމުތަކަށް ވެކްސިން އުފައްދައިދިނުމުގެ ފުރުސަތު، ވެކްސިން އުފައްދާ ފާމަސޫޓިކަލް ކުންފުނިތަކަށް ލިބިދޭނެ ކަމެއް ކަން ޑރ އެއިލްވޯޑް ވަނީ ފާހަގަ ކުރައްވާފައެވެ.

ހިލޭ ސާބަހަށް ހިދުމަތް ކުރާ ޕީޕަލްސް ވެކްސީންގެ ރެކޯޑްތަކަށް ބަލާއިރު، ފާމަސޫޓިކަލް ކުންފުނިތަކާ މުއްސަނދި ގައުމުތަކުން ވައުދު ވެފައިވާ ޑޯޒްތަކުގެ ތެރެއިން، ފަގީރު ގައުމުތަކާ ހަމައަށް ފޯރަނީ ކޮންމެ 7 ޑޯޒްއަކުން 1 ޑޯޒްއެވެ. ކޮވިޑް ވެކްސިން ސަޕްލައިގެ ބޮޑު ބައެއް ޖަހާފައި ވަނީ މަތީ ފަންތީގެ މުއްސަނދި ގައުމުތަކާ، މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އާބާދީތަކަށެވެ.