ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ދީނީ ހަމަނުޖެހުން ތަކުން 300 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
އެގައުމުގެ ޑާކާގައި މިހާރު ކުރިއަށްދާ ދީނީ ހަމަނުޖެހުންތައް ފެށިފައި ވަނީ ބަންގްލަދޭޝްގެ ޑިސްޓްރިކްޓެއް ކަމަށްވާ ކުމެލޭގައި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު، ހިންދޫން ކުރިއަށް ގެންދިއަ އިވެންޓެއްގައި އެމީހުން އަޅުކަން ކުރުމަށް ބޭނުން ކުރާ ކަލާނގެއެއްގެ ފައިދަށުގައި މުސްހަފެއް އޮތް މަންޒަރު ހާމަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
މި ފޮޓޯ ދައުރުވެގެން ދިއުމާއެކު މުސްލިމުން ވަނީ އެކަން ކުށްވެރިކޮށް މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައެވެ. މުސްލިމުންގެ މުޒާހަރާއާ ގުޅިގެން ހިންދޫން ވެސް ވަނީ މަގުތަކަށް ނުކުމެ މުސްލިމުންނާ ކުރިމަތިލާފައެވެ. މި ކުރިމަތިލުން ތަކުގައި މިހާތަނަށް 6 މީހަކު މަރުވެފައި ވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ހަމަނުޖެހުންތައް ރޫޅާލުމަށް ފުލުހުން އަންނަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އެގޮތުން ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުން ކޮށްފައި ވާއިރު 300 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.
އެގައުމުގައި ކުރަމުން އަންނަ މި މުޒާހަރާތަކުގައި ހަމަލާ ބަދަލުކުރުންތައް އިތުރުވެ ހަމަލާތައް ވަރުގަދަ ވަމުން އަންނަ ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. އަދި މުސްލިމުންގެ ހަމަލާތައް މައިގަނޑު ގޮތެއްގައި ހުރީ ހިންދޫންގެ ފައްޅިތަކަށް ކަމަށް ވެސް ބުނެއެވެ.
މި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައި ވާއިރު އެގައުމުގެ މުސްލިމުން އަންނަނީ އިސްލާމް ދީނުގެ ހުރުމަތް ކަނޑާލި ހިންދޫންނަށް އަދަބު ދިނުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.