މިމިމަން ވޭޖު ކަނޑައަޅާނީ ވަޒީފާ އަދާ ކުރާ މީހުންނާއި ވިޔަފާރިވެރިންގެ ހިޔާލު ހޯދުމަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އއ. އަތޮޅުގެ ހަ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތޮއްޑޫއަށް ވަޑައިގަންނަވާ އެ ރަށުގެ ދަނޑުވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ވަޒީފާ އަދާ ކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތުގެ މަޝްވަރާ ވެސް މުހިއްމު ކަމަށާ، އަދި މިނިމަމް ވޭޖު ކަނޑައަޅާނީ އެ ދެ ފަރާތުގެ ހިޔާލާ އެއްކޮށް ކަމަށެވެ.

މިނިމަމް ވޭޖް ބޯޑުުން އިކޮނޮމިކް މިނިސްޓަރަށް އެރުވި ލަފާގައި ވަނީ ޕްރައިވެޓް ސެކްޓާގައި، ކުދިފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5,000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. ޕްރައިވެޓް ސެކްޓާގައި، މެދުފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ.

ޕްރައިވެޓް ސެކްޓާގައި، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، 8،900 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމުގެ އިތުރުން ޕަބްލިކް ސެކްޓާގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ ދިނުމަށް ވަނީ ލަފާދީފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށް ފަހު ލަފާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު، ޖުމްލަ 5 އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދީފައިވެއެވެ.