ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ދައުވާ ކޮށްފައިވާ ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އެއްބަނޑު އެއްބަފާ ދެމީހުން ޖާމިނުކޮށް ބަންދުން ދޫކޮށްލައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަށް އެ ދެމީހުންވެސް ހާޒިރުކޮށްފައިވެއެވެ. އަދި ދެ ފަރާތުން ވެސް އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަން ދީފައިވެއެވެ.

ދައުވާ އުފުލިފައިވާ ފަރާތުން ފިލައިފިނަމަ، ޖާމިނުވާ ފަރާތްތަކަށް އަންނާނެ އަދަބުތައް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެ ދެއްވިއެވެ. އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ދެ އަހަރުގެ ގޭބަންދު ހުކުމެއް ނުވަތަ 15،000 ރުފިޔާ ޖޫރިމަނާގެ ހުކުމެއް އިއްވިދާނެ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ދެ ފަރާތުން ވެސް ވަނީ އެ އަދަބު އަންނާނެ ކަން ވެސް އެނގިހުރެ، އޭގެ ޒިންމާ ނަގާ ގޮތަށް، އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަންދޭ ކަމަށް ބުނެފައެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ރައުޔުތަކަށް ރިއާޔަތް ކުރުމަށް ފަހު، ގާޒީ ހަސަން ސައީދު ވިދާޅުވީ މި މައްސަލަ ހިނގުމަށް ދިގު މުއްދަތެއް ވެސް ހިނގާނެ ކަމަށާއި މިހާތަނަށް ވެސް އައްމަޓީ އެއްބާރުލުން ދީފައިވާ ކަމަށެވެ.

އަދި ބައެއް ޝަރުތުތަކާއެކު އޭނާ ދޫކޮށްލަން ގާޒީ ނިންމެވިއެވެ. އޭގެ ތެރޭގައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާ މުއާމަލާތް ނުކުރުން ހިމެނެއެވެ. އަދި ކޮންމެ ދުވަހަކު ފުލުހަށް ހާޒިރުވެ ސޮއިކުރަން ޖެހޭނެ ކަމާއި މާލެއިން ބޭރަށް ފުރުން މަނާވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައި ވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައި ވެއެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ. މި މަހުގެ 13 ވަނަ ދުވަހު އޮތް އަޑުއެހުމުގައި އައްމަޓީ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ މަހު އޮތް އަޑުއެހުމުގައި އައްމަޓީގެ ބަންދަށް ލުޔެއް ދެވެންނެތްކަމަށް ނިންމުމާއެކު އަންމަޓީ ވަނީ އޭނާގެ ދެ ދަރިން ޖާމިނުކޮށް ކަފާލާތުގެ ދަށުން ގޭބަންދަށް ދޫކޮށްދިނުމަށް ވެސް އެދިފައެވެ. ގާޒީ ހަސަން ސައީދު ވަނީ އަންމަޓީ ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށާއ މި ހާލަތުގައި އަންމަޓީ ބަންދުން ދޫނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.