ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ނެޓްވޯކް ހިންގަމުން އަންނަ ފޭސްބުކް އިންކުން ނަން ބަދަލު ކޮށް، އަންނަ ހަފުތާ ތެރޭގައި "ރީބްރޭންޑް" ކުރުމަށް ރާވަމުން އަންނަ ކަމަށް، ޓެކްނޮލޮޖީ ހަބަރު ގެނެސްދޭ ބްލޮގެއް ކަމަށް ވާ ވާޖުން ރިޕޯޓް ކޮށްފިއެވެ. ވާޖުން މި ކަން ރިޕޯޓް ކޮށްފައި ވަނީ، ކަމާ ބެހޭ ސީދާ މައުލުމާތު އެނގޭ މަސްދަރަކާ ހަވާލާދީ ކަމަށް، ބައިނަލްއަގުވާމީ މީޑިއާއިން ބުނެއެވެ.

ރީބްރޭންޑްކޮށް ނަން ބަދަލުވުމާ ބެހޭ ގޮތުން، ފޭސްބުކްގެ ޗީފް އެގްޒެކެޓިވް އޮފިސާ މާކް ޒަކަބާގު ވާހަކަ ދައްކާނީ، އެ ކުންފުނީގެ އަހަރީ "ކަނެކްޓް" ކޮންފަރެންސްގައި، އޮކްޓޯބަރު 28 ވަނަ ދުވަހު ކަމަށާ، ނަމަވެސް އޭގެ ކުރިންވެސް އާ ބްރޭންޑް އާންމު ކުރުން އެކަށީގެން ވާ ކަމަށް ވާޖުން ބުނެއެވެ.

މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މީޑިއާއިން ފޭސްބުކްއާ ސުވާލު ކުރުމުން، ފެތުރިގެން ދާ އަޑުތަކާ ކުރާ ބަހުސްތަކަށް އެ ކުންފުނިން ކޮމެންޓް ކޮށް ނުއުޅޭ ކަމަށް ވަނީ ބުނެފައެވެ.

ފޭސްބުކް ރީބްރޭންޑްގެ ކުރާ ހަބަރު ފެންމަތި ވެފައި މި ވަނީ، އެކުންފުނީގެ ވިޔަފާރީގެ އާދަކާދަ ހުންނަ ގޮތުން، އެމެރިކާގެ ސަރުކާރުން ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުން ދާ ދަނޑިވަޅެއްގައެވެ.

ޓެކްނޮލޮޖީގެ ހިދުމަތް ދޭ ކުންފުނިތަކުގެ ހިދުމަތްތައް އިންތިހާއަށް ފުޅާ ކޮށް، އެ ކުންފުނީގެ ނަންތައް ބަދަލުކޮށް ރީބްރޭންޑް ކުރުމަކީ، ވިޔަފާރީގެ މައިދާނުގައި އާންމުކޮށް ހިނގާ ކަމެކެވެ.