ދިވެހި ފުލުހުންގެ ހިދުމަތް ހިންގާނީ ހޯމް މިނިސްޓްރީގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން އެހެން ބުނެފައިމިވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ ހިދުމަތުގެ ކަންކަން ނަގާފައިވާކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީއާއެކު ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދަވާ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"އަކީ، މިދިޔަ އަހަރު އަމަލު ކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމަށް އެ ގާނޫނުގައި ބަޔާންކުރާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ އޮތް އޮތުން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެބަޔާނުގައި އިތުރަށް ބުނީ އަދި މިދިޔަ އަހަރު އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތަށް" ޒިންމާވާނެ ވަޒީރަކީ މިނިސްޓާ އޮފް ހޯމް އެފެއާޒް ކަމަށް މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެހާ ކަންކަމުގެ ޒިންމާ އުފުލާ އަދި ފުލުހުންގެ ހިދުމަތް ހިނގަމުންދަނީ އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކާ ހޯމް މިނިސްޓްރީން އަދާކުރަން ޖެހިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، މާޗު 27 2021 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީން ކުރަމުން ގެންދާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެއެވެ.
ރައީސް އޮފީހުން މިދިޔަ އަންގާރަ ދުވަހު އިމްރާނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއެއް ނޫން ކަމަށެވެ. އެހެންކަމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެ ސިޓީގައި ބުނެއެވެ.