ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން، ތަފާތު ގޮތް ގޮތަށް ހޯދާފައިވާ ރެޕާ، ކާންޏޭ އޮމާރީ ވެސްޓްގެ ނަން، ރަސްމީ ކޮށް "ޔޭ" އަށް ބަދަލު ކޮށްފިއެވެ.

ލޮސް އެންޖަލީސް ސުޕީރިއާ ކޯޓުގެ ކޮމިއުނިކޭޝަންސް އޮފިސަރަކު ވަނީ، ކާންޏޭ ގެ ނަން "ޔޭ" އަށް ރަސްމީ ކޮށް ބަދަލު ކުރުމަށް، ލޮސް އެންޖަލީސްގެ ފަނޑިޔާރަކު ރުހުން ދެއްވިކަން ކަށަވަރު ކޮށްދީފައެވެ.

އުމުރުން 44 އަހަރުގެ ރެޕާ، އޭނާގެ ނަން ބަދަލު ކުރުމަށް އެދި ހުށަހެޅީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. ނަން ބަދަލު ކުރަން އެދި ހުށަހެޅީ "ޒާތީ" ސަބަބުތަކަކަށްޓަކާ ކަމަށް ބުނެއެވެ.

އާންމުންގެ ތެރޭގައި ގުގުމާލި ބައެއް ލަވަތައް ނެރެފައި ވާ ކާންޏޭ ދަނީ، 2018 ވަނަ އަހަރުން ފެށިގެން، އޭނާގެ ވަނަމެއްގެ ގޮތުގައި ވެސް "ޔޭ" ބޭނުން ކުރަމުންނެވެ. އަދި އެ ނަމުގައި އޭނާ ވަނީ އަލްބަމެއްވެސް ރިލީޒް ކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް، އަންގާރަ ދުވަހާ ހަމައަށްވެސް އޭނާގެ އިންސްޓަގްރާމް އަދި ވެބްސައިޓްގައި ބޭނުން ކުރަމުން ދަނީ ކާންޏޭ ވެސްޓްގެ ނަން ކަން ފާހަގަ ކުރަން ޖެހެއެވެ.

ކާންޏޭ އިން "ޔޭ" އަށް ނަން ބަދަލު ކުރުމުގައި ކާންޏޭ ގަބޫލު ކުރާ ދީނީ ގަބޫލު ކުރުންތަކެއް އެކުލެވޭ ކަމަށްވެސް ހަބަރު ލިބެއެވެ.

ކާންޏޭގެ އަލްބަމެއްގެ އެންމެ ފަހުން އާންމުންނާ ހިސާބަށް ލިބިފައި ވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ. 27 ލަވައެއް ހިމެނޭ އެ އަލްބަމް، 2 ގަޑިއިރަށް ދެމިގެން ދެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލު ކަން ހުއްޓިފައި ވާ އެއް ތަރީގެ ގޮތުގައި ކާންޏޭ ސިފަ ކުރާއިރު، މިއަހަރު ފެށިގެން އައީ 7 އަހަރު ވީ ހަޔާތުގެ ބައިވެރިޔާ ކިމް ކޭއާއި ކާންޏޭގެ ގުޅުމުގައި ސިއްކަ ޖަހެމުގެ ވަހަކަތަކާއެކުގައެވެ.