މިދިޔަ ހަފްތާގައި 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލާގައި ހައްޔަރުކުރި ދިހަ މީހުންގެ ތެރެއިން އެންމެ އިސްކޮށް އުޅުނު ދެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރިއަސް، ނަތީޖާ ނުކުންނާނެ ކަމަށް ނުފެންނާތީ ކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ކަނޑުމަގުން 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި މިދިޔަ ބުދަ ދުވަހު ފުލުހުންގެ އެކި ޑިޕާޓްމެންޓުތަކުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދިހަ މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން އަށް މީހަކަށް ބަންދު ޖަހާފައިވާއިރު، އެ މައްސަލާގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ދޫކޮށްލީއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީން ނިންމީ ދަށު ކޯޓަށް ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު، އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅި ނަމަވެސް، ނަތީޖާއެއް ނުކުންނާނެ ކަމަށް ނުފެންނާނެތީ ކަމަށާއި، އެ ދެ މީހުންނާ ދެކޮޅަށް އިތުރު ހެކި ލިބިއްޖެ ނަމަ، އަލުން ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު އޮންނާނެތީ ކަމަށެވެ.

އެ މައްސަލާގައި ދިހަ މީހުން ހައްޔަރުކުރުމުގެ އިތުރުން ފުލުހުން ވަނީ ފަޅު ރަށެއް ހިމެނޭހެން ދިހަ ތަނެއް ބަލާ ފާސްކޮށްފައެވެ. އެގޮތުން މާލެއާއި ފަޅު ރަށްރަށާއި ސަފާރީ ފަދަ ތަންތަން ބަލާ ފާސްކުރިއިރު، އެ މަސްތުވާތަކެތި ފެނުނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ.

އޭގެ އިތުރުން، 215 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލާގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެ މީހުންގެ ވަނަވަރު ވަނީ މިއަދު ހާމަކޮށްފައެވެ.