ފުލުހުންގެ އޮފިސަރުން ވަޒީފާއިން ވަކިކުރުން ފަސްކޮށްދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފް މާދަމާ ހައިކޯޓުގައި ފަށަން ތާވަލު ކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލު ކޮށްފައި ވަނީ މާދަމާ ހަވީރު 4:30 ގައެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައި ވަނީ 7 އޮފިސަރުންނެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.
މި އޮފިސަރުންނަށް ފިޔަވަޅު އަޅަން ޕޮލިސް ބޯޑުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓަށް 5 އޮފިސަރެއްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް މަރިޔަމް ނިހާޔަތުގެ ދިވެހި ޗޭމްބާޒް ލޯ ފާމުންނެވެ. ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެއެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް ހޯމް މިނިސްޓްރީން ވަނީ ވަޒީފާ އިން ވަކި ކުރަން ނޯޓިސް ދިން އޮފިސަރުންގެ ތެރެއިން ޖަމްޝީދާއި އަހްމަދު މުހައްމަދު މިހާރު ވަޒީފާއިން ވަކިކޮށްފައެވެ.
އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން އެ މީހުން ވަޒީފާއިން ވަކިކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި ވަނީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމުމުން މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކޮމިޝަންޑް އޮފިސަރުން އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ނިމި މިހާރު ޝަރީއަތަށް މައްސަލަ ގޮސްފައި ވާއިރު، އޮފިސަރުން ވަނީ އެ ޝަރީއަތް ލައިވްކޮށްދޭން އެދިފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރާ ގޮތަށެވެ.
ތިނޫހަށް: އިންވެސްޓިގެޓިވް ޖާނަލިޒަމް އަށް އެއްކަލަ 'ހުދު ޖަނގިޔާ' މައްސަލަޔަށް ފަހުން ވީކިހިނެއް؟ ހިންދާލީ؟ އޮއްބާލީ؟ ނުބަލަން ނިންމީ؟ ނޫނީ ހާޑުވެއާ އަކުން ނިމުނީތަ؟