ޓެކްނިލޮޖީ ކުރިއާރާފައިވާ މި ޒަމާނުގައި ވަކި ދާއިރާއަކުން ވަޒީފާ ހޯދުމަށް ޒުވާނުން ދާ މިސްރާބު ބަދަލުކޮށް އާ އުފެއްދުންތައް އިޖާދު ކުރަން މަސައްކަތް ކުރާ ބަޔަކަށް ދަރިވަރުން ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވީ، މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާންތަކުން އެންމެ މަތީ ވަނަތައް ހާސިލުްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިއަދު ފެންނަމުން ދަނީ ވަކި ވަޒީފާއަކަށް އަމާޒުކޮށް، ހަމައެކަނި ސެޓްފިކެޓެއް ހާސިލްކުރުމަށްޓަކައި، ތައުލީމީ ހަޔާތުގެ ދުވަސްތައް ހޭދަކޮށްލެވުމުން ތައުލީމީ މަރުހަލާތައް ނިންމައިލުމަށް ފަހު، ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ، އާ އުފެއްދުންތައް އީޖާދުކުރާނެ ވިސްނުން ސިކުނޑީގައި ތަރައްގީކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ތިކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި މުސާރައިގެ ފުރުސަތުތައް، ތިކުދިންގެ ފަހަތުން އަންނަ ފަދަ ބަޔަކަށް ވުމަށް. ވަކި ވަޒީފާއަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި، ތިކުދިންގެ ވިސްނުން އަމާޒުކުރަންވީ، އެކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުގެ ދާއިރާއިން، އީޖާދީ ވިސްނުންތައް ތަރައްގީކުރުމަށް."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މިހާރު ޒުވާނުން ވަޒިފާގެ ފަހަތުން ދުވަމުންދާ އިރު، މިހާރު ދަރިވަރުން މަސައްކަތް ކުރަންވީ ވަޒީފާތަކާއި މުސާރައގެ ފުރުސަތުތައް އެ ކުދިން ފަހަތުން އަންނަ ބަޔަކަށް ވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އީޖާދީ ވިސްނުންތައް ތަރައްގީ ކޮށް އެ ކުއްޖެގެ ގައިގާ ހުރި ހުނަރެއްގެ ބޭނުން ހިފަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

21 ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން އެ ގޮތުގެ މަތިން މަސައްކަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ޒުވާނުން ގައުމުގެ ހިންގުމާ ހަވާލުވާނީ، ވަކި ތައްގަނޑަކަށް ގައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްގީއާ ފައި ހަމަވާ ގޮތަށް، ގައުމީ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ޒަމާނުގެ ތަރައްގީ އާއި ކުރިއެރުން ހާސިލް ކުރެވެން އޮތީ، އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭލެވެލް އިމްތިހާނުން އެންމެ މަތީ ވަނަތައް ހާސިލް ކުރި ދަރިވަރުންނާއެކު ރައީސް ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާއޭ / ފޮޓޯ: ރައީސް އޮފީސް
"ކުދިންނަށް އެންމެ ރަނގަޅު ތައުލީމެއް ދީ، ރިވެތި އަހްލާގީ ސިފަތަކުން ޒީނަތްތެރިކުރުމަށްޓަކައި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގައި، އެންމެ ބޮޑަށް އެހީތެރިވެދެއްވަނީ މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ފަންނުވެރިންކަން އަޅުގަނޑު ގަބޫލުކުރަން. މުދައްރިސުން އެކުރައްވާ މަސައްކަތް، ސްކޫލާ ހަމައިން ނިމިގެންނެއް ނުދޭ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އަދި މި ކަމަކީ ހަމައެކަނި ދަރުވަރުން ވިސްނަން ޖެހޭ ކަމެއް ނޫން ކަމަށާއި މި ކަމަކީ ދަރިވަރުންނަށް އުނގަންނައިދޭ މުދައްރިސުންނާއި ބެލެނިވެރިންނާއި މައިންބަފައިން ވެސް ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ. ކުދިންނަށް ކިޔަވައިދީ ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމަށް، ބެލެނިވެރިން އެކުރައްވަނީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް އެމްނިފާނުގެ ވާހަފުޅުގައި ފާހަގަ ކުރެއްވިއެވެ. ކިޔަވައި ދީގެން މޮޅު ކުއްޖަކަށް ހެދުމުގެ އިތުރުން، ބެލެނިވެރިން މަސައްކަތް ކުރަންވީ، ދަރިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ފައްޓަންވީ، އެ ކުދިންގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރު މި އޮތީ ދަރިވަރުންގެ ވިސްނުން އަމާޒު ކުރި ކޮންމެ މިސްރާބަކަށް ދަރިވަރުން ގެންގޮސް ދޭން ތައްޔާރަށް ކަމަށް ރައިސް ވިދާޅުވިއެވެ. ރާއްޖޭގައި ހުރެގެން ވިޔަސް އަދި ރާއްޖޭން ބޭރުން ވިޔަސް، އެކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު މިހާރު މިއޮތީ ހުޅުވިފައި ކަަމށް ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އުންމީދަކީ 21 ވަނަ ސައްތައިގެ ގޮންޖެހުންތަކާ ކުރިމަތި ލެވޭ ފަދަ ތައުލީމީ ޒުވާން ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި، ބެލެނިވެރިންގެ ފަރާތުން މިހާރަށް ވުރެ ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިއުން ކަމަށެވެ.

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާންތަކުން އެންމެ މަތީ ވަނަތައް ހާސިލުްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާއަށް ރައީށް ސޯލިހްއާ އެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގަތެވެ. މިގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.