ކީރިތި ރަސޫލާގެ ހަޔާތްޕުޅުން މުޖުތަމައަށް ބޭނުންވާ ފިލާވަޅުތައް ލިބިގަންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ ކީރިތި ރަސޫލާގެ އީދު މީލާދުގެ މަތިވެރި މުނާސަބަތުގައި ފޮނުއްވި ތަހުނިޔާ މެސެޖްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ މި އުންމަތުގެ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ވަސްމީރު ޒިކުރާގެ ހަނދާންތައް އައުކުރާއިރު، ވިސްނުމަކަށް ހަދަންވީ، އެ މަތިވެރި ޒިކުރާއިން މިއަދުގެ މުޖުތަމައަށް ބޭނުންވާ ފިލާވަޅުތައް ލިބިގަތުން ކަމަށެވެ. އެ މާތް ނަބިއްޔާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުންމަތެއް ބިނާވެގެންދިޔައީ، ފަރުދީ އިސްލާހީ ފިޔަވަޅުތަކުން، އުފެދުނު އިޖުތިމާއީ ބަދަހި ގުޅުންތަކެއްގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންވަނީ އެފަދަ އިސްލާ ފިޔަވަޅުތަކަކަށެވެ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމައަށް އެފަދަ އިސްލާހީ ފިޔަވަޅުތަކެއްގެ ބޭނުންތެރިކަން މިއަދު މިވަނީ ވަކިން ބޮޑުވެފައެވެ. ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ގައުމުގެ ކުރިއެރުމާ ތަރައްގީގެ އަސްލަކީ، މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމެވެ. އެކަން ހާސިލުކުރެވެނީ، އިސްލާހީ ކޮންމެ ފިޔަވަޅެއް ތިމާގެ އަމިއްލަ ނަފްސުން ފަށައިގެންކަން، އެކަލޭގެފާނު ވަނީ އަމަލީގޮތުން ސާބިތުކޮށްދެއްވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމަކަށް ގޮވާލެއްވިއިރު، އެކަމެއްގެ އެންމެ ފުރިހަމަގޮތް، އެކަލޭގެފާނު އަމަލީގޮތުން، މުޅި އުންމަތަށް ދެއްކެވި ކަމަށެވެ. އަދި އިތުރު އެކަލޭގެފާނަށް ތަބާވުމުގައި، ސަހާބީ ބޭކަލުން ހިންގެވި މަގަކީ، އަނެކުންގެ ފަރާތުން ކަންކަން އިސްލާހުވުމަށް އިންތިޒާރު ކުރެއްވުމުގެ ބަދަލުގައި، އެ ބޭފުޅެއްގެ އަމިއްލަ ނަފްސު އިސްލަހު ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ތިމާގެ އަތުން އަނެކާއަށް އަނިޔާއެއް ގޯނާއެއް ނުކުރުމެވެ. ތިމާގެ ދުލުން އަނެކާގެ އަބުރާ ނުބެހުމެވެ. ތިމާގެ ފުށުން އަނެކާގެ މުދަލަކަށް ގެއްލުމެއް ނުދިނުމެވެ. ތިމާގެ ހިތުގައި އަނެކާއާމެދު ހަސަދަވެރިކަމެއް ނުބޭއްވުމެވެ. ނަތީޖާއަކަށްވީ، އިޖުތިމާއީ ހުރިހާ ރިވެތި އަދަބުތަކާ، އަހްލާގީ އެންމެ ރިވެތި ސިފަތަކުން ޖަރީވެފައިވާ، އެއްބަނޑުއެއްބަފާ ސުލްހަވެރި މުޖުތަމައެއް އުފަންވުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމަށް ވެސް ނަބަވީ ރިސާލަތުން ހައްލު ހޯދޭނެ ކަމަށެވެ. އަދި އިތުރު އެކަލޭގެފާނު އަޅުގަނޑުމެންނަށް ދަސްކޮށްދެއްވީ، ހަސަދައިން ދުރުހެލިވުމަށް ކަމަށާ މީސްތަކުންގެ ފުރާނަ ރައްކާތެރިކުރުމަށް އަދި އިންސާނީ ކަރާމާތަށް ހުރްމަތްތެރިކޮށް ހިތުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ކޮންމެ ހާލަތެއްގައިވެސް، އަނެކުންނާ ރިވެތި ގޮތުގައި މުއާމަލާތު ކުރުމަށާ އޯގާތެރިކަމާ ކުލުނާއެކު އަނެކުންނަށް އެހީތެރިވުމަށް ދަސްކޮށްދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

މައުލިދުއް ނަބަވީގެ މަތިވެރި ޒިކުރާ އައުކުރާއިރު، ކޮންމެ މީހެއްގެ އަޒުމަކަށް މިއަދު ހަދަންވީ، މުޖުތަމައުގެ ހަމަޖެހުމާ ސުލްހަމަސަލަސްކަން ގާއިމުކުރުމުގައި، އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ތިމާގެ ފަރާތުން މުޖުތަމައަށް އެއްވެސް ގެއްލުމެއް ނުދިނުމަށް އަޒުމް ކަނޑައަޅާ، އެގޮތުގައި ދެމިހުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އިސްލާމްދީން ގެނެސްދިން އޯގާތެރިކަމާ މަޑުމައިތިރިކަމާ ރިވެތި ބަސްމަގަކީ، އަނެކުންނާ މުއާމަލާތު ކުރުމުގައި އަބަދުވެސް ތަބާވާނެ އުސޫލުތައް ކަމަށް ކަނޑައަޅާ، އެ ގޮތަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އަނެކުންނަށް މައާފުކުރުމާ އެހީތެރިވުމާ، ހެޔޮ ފޯރުވުމުގައި ދެމިހުރެވޭތޯ ގަދައަޅާ މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.