ރޭ އަތުލި 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުންނަށް 15 ދުވަހުގެ ބަންދެއް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލާގައި ރޭ ފުލުހުން ހައްޔަރުކުރީ ރ. މަޑުއްވަރީ އަށް ނިސްބަތްވާ ދެމީހުންނެވެ.
ފުލުހުން މި ދެމީހުން ހައްޔަރުކުރީ، މިދިޔަ ބުދަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި މެރިން ޕޮލިހާއި، ފޮރެންސިކްސް ޑިޕާޓްމެންޓާއި ފުލުހުންގެ އިންޓެލިޖެންސާއި ރ. އަތޮޅުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ދަށުންނެވެ.
މި އޮޕަރޭޝަންގައި އިންޑިއާ އާއި ދިވެހި ސިފައިންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވާ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އިންޑިއާ އަށާއި ސިފައިންނަށް ޝުކުރު ދަންނަވާފައެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަހުގެ ބަންދެއް ޖަހާފައި ވާއިރު، އޭގެ ކުރީ ދުވަހު ވަނީ 100 ކިލޯގެ ހެރޮއިން އަތުލައިގެންފައެވެ. އެ މައްސަލާގައި ފުލުހުން ދިހަ މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައި ވާއިރު، ބާކީ ތިބި މީހުންނަށް ވަނީ މުއްދަތު ޖަހާފައެވެ. އެގޮތުން:
- ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް
- ތިން މީހެއްގެ ބަންދަށް 10 ދުވަސް
- އެކަކުގެ ބަންދަށް ފަސް ދުވަސް
ބެލެވޭ ގޮތުގައި، 100 ކިލޯގެ މަސްތުވާތަކެތީގެ މި މައްސަލައަކީ އިއްޔެ އަތުލި 215 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެކެވެ. ދެ މައްސަލައިގަވެސް އަތުލި ޕެކެޓުތައް ހުރީ ދާދި އެއް ގޮތަކަށެވެ.