ވަން އެންޑް އޮންލީ ރީތިރަށުން ފުރައިގެން ދިޔަ ލޯންޗެއް ދުއްވާފައި ދިޔަ ބާޖެއްގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން، އެ ލޯންޗު ދުއްވަން އިން ކެޕްޓަން ދެ މަސްދުވަހުގެ މުއްދަތަކަށް ރޯދަ ހިފުމަށް، ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ ރީތިރަށުން ފުރައިގެން ދިޔަ ލޯންޗު ދުއްވަން އިން ކެޕްޓަން ވ. މޫންމޫންރަމީޒް، މުހައްމަދު އަރީފުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ އުފުލާފައެވެ.

މި ހާދިސާ ހިނގި 2013 ވަނަ އަހަރުގެ ފެބްރުއަރީގައި، ރީތިރަށުން ދަތުރު ކުރަމުން ދިޔަ ލޯންޗެއް، ކ. އާރަށް ކައިރިން ދަތުރުކޮށްފައި ދިޔަ ތެޔޮ ބާޖެއްގެ ކުރީކޮޅުގައި ޖެހިގެންނެވެ. މި ހާދިސާގައި ކަނޑަށް ވެއްޓި މަރުވީ ހދ. ކުޅުދުއްފުށި / ޒޭވަރު، ދާއޫދު މުހައްމަދެވެ.

އަރީފް މި ދައުވާއަށް އިންކާރުކުރި ނަމަވެސް، އެކްސިޑެންޓު ހިނގި ކަމަކަށް އޭނާ އިންކާރެއް ނުކުރެއެވެ. ދައުލަތުން ކުރި ދައުވާއަށް އިންކާރު ކުރަމުން، އަރީފް ބުނީ އެކްސިޑެންޓު ހިނގިއިރު، ލޯންޗު ދުއްވުމުގެ ލައިސެންސެއް އޮންނާނެ ކަމަށާއި، އެ ލޯންޗުގެ ސަލާމަތީ ކަންތައްތައް ހަމަހަމަވާނެ ކަމަށެވެ.

އެ ދައުވާއަށް އިންކާރު ކުރުމުން، ދައުލަތުން ވަނީ އަރީފާ ދެކޮޅަށް އަށް ހެއްކެއް ހުށަހަޅާފައެވެ. އޭނާ އާއި ދެކޮޅަށް ހެކިބަސް ދިން މީހުން ބުނީ އެކްސިޑެންޓު ހިނގި ވަގުތު އަރީފް ހުރީ ވަރުބަލިވެފައި ކަމަށާއި، އެކަމުގެ ސަބަބުން އޭނާ އިނީ ނިދިޖެހިފައި ކަމަށެވެ. ތަހުގީގު މަރުހަލާގައިވެސް އަރީފް މިހެން ބުނެފައިވާ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

މި ކަންތައްތަކަށް ބަލައި، ޝަރީއަތުން ހުކުމްކުރީ އަރީފްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ ސާބިތުވާ ކަމަށެވެ. ނަމަވެސް، މި ހާދިސާ އާއި ގުޅިގެން ދާއޫދުގެ އާއިލާއިން އަރީފަށް މާފުކޮށް، މަރުގެ ދިޔަ ބޭނުންނުވާ ކަމަށް ބުނެފައިވާތީ، އޭނާގެ މައްޗަށް ވަނީ ކައްފާރާގެ ގޮތުން ދެ މަސްދުވަހު ރޯދަ ހިފުމަށް ހުކުމް ކޮށްފައެވެ.