އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގާ މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށެވެ.

ފުލުހުން ވަނީ ނޯތް ޕޮލިސް ޑިވިޝަން (ނ، ރ، ބ، ޅ) އަތޮޅުގައި ހިމެނޭ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

މިކަމާއި ގުޅިގެން ޖެންޑަ މިނިސްޓްރީއިން ބުނީ އުތުރު ރަށެއްގައި ތިމާގެ މީހެއްގެ ފަރާތުން ލިބުނު ޖިންސީ އަނިޔާގެ މައްސަލަ ހުށައެޅި، އެ މައްސަލަ ބަލާ އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޕޮލިހުންނާއި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.