އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަން (ނ، ރ، ބ، ޅ) އަތޮޅުގައި ހިމެނޭ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

މިކަމާއި ގުޅިގެން ޖެންޑަ މިނިސްޓްރީއިން ބުނީ އުތުރު ރަށެއްގައި ތިމާގެ މީހެއްގެ ފަރާތުން ލިބުނު ޖިންސީ އަނިޔާގެ މައްސަލަ ހުށައެޅި، އެ މައްސަލަ ބަލާ އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޕޮލިހުންނާއި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ފުލުހަކު 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ ބެލުން ލަސްވެ ރައްޔިތުން އިހުތިޖާޖުވެސްކުރިއެވެ. އެ ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑް ކޮށްފައި ވާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ އަމުރު ކޮށްފައެވެ.