ދިވެހި ރައްޔިތެއްްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވި ނަމަވެސް، ބޭންކުގެ ހިދުމަތްތައް ލިބޭނެ ކަމަށާއި، އެކައުންޓުތައް ފްރީޒް ނުކުރާނެ ކަމަށް، ބީއެމްއެލުން ބުނެފިއެވެ.

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ކުރެއްވި ޓްވީޓަކަށް ދިން ރައްދުގައި ބީއެމްއެލުން ބުނީ އައިޑީ ކާޑުގެ މުއްދަތު ހަމަވި ނަމަވެސް، އެ ބޭންކުގެ އެކައުންޓުތައް ފްރީޒް ނުކުރާނެ ކަމަށާއި، ނަމަވެސް ބޭންކުގެ ހިދުމަތަކަށް އެދޭއިރު ބައެއް ފަހަރު ސައްހަ އައިޑީ ކާޑެއް ބޭނުންވާނެ ކަމަށެވެ.

"އަޅުގަނޑުމެންދޭ ހިދުމަތްތައް ގަވާއިދުތަކަށް ފެއްތުމުގެ ގޮތުން، ބައެއް ހިދުމަތްތަކަށް އެދިލައްވާއިރު، ކަސްޓަމަރުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ސައްހަ އައިޑީ ކާޑެއް ބޭނުންވާނެއެވެ." ބޭންކުން ބުންޏެވެ.

ޑރ. ފަޒީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ނަމަ، އެ ކަސްޓަމަރަކަށް ބީއެމްއެލުން ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކޮށްފައިވާ ކަމަށެވެ. މިއީ ގާނޫނީ ގޮތުން ކުރެވޭ ކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ބީއެމްއެލުން އިތުރަށް ބުނީ ކޭޝް ކާޑު ނަގަން އައުން ފަދަ ބޭންކަށް ހާޒިރުވެގެން ހޯދަން ޖެހޭ ހިދުމަތްތައް ހޯދަން އެދޭއިރު ސައްހަ އައިޑީ ކާޑެއް ބޭނުންވާނެ ކަމަށެވެ. އައިޑީ ކާޑު ނެތްނަމަ، ސައްހަ ލައިސެންސެއް ނުވަތަ ޕާސްޕޯޓެއް ހުށަހެލުމުންވެސް އެ ހިދުމަތެއް ދޭނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.